ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުއްދަ ހޯދަންޖެހޭ ވައިގެ ސަރަހައްދަކީ ކޮބައިކަން ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެފްއައިއާރް ދައްކައިދޭ ޗާޓެއް
ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެފްއައިއާރް ދައްކައިދޭ ޗާޓެއް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އެކި ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ މައްސަލައާ ގުޅިގެން ރާއްޖޭގައި ވެސް ބަހުސްތަކެއް އުފެދިފައި ވަނިކޮށް، ގައުމުތަކުގެ ސަރަހައްދީ ބާރު ހިނގާ ގޮތާއި އުސޫލުތައް ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފިއެވެ.

ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން" (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމެއްގެ ސިޔާދަތީ ބާރު ހިނގަނީ އެ ގައުމެއްގެ އެއްގަމުގެ ސަރަހައްދާއި، އައްސޭރިން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަހައްދަށް ކަމަށެވެ. މި ސަރަހައްދަށް އެއްވެސް އުޅަނދަކަށް، ހާއްސަކޮށް އަސްކަރީ ބޯޓުފަހަރަށް ވަދެވޭނީ އެ ގައުމެއްގެ ހުއްދަ ހޯދައިގެންނެވެ.

އެފްއައިއާރް އާއި ސިޔާދަތީ ވައިގެ ސަރަހައްދުގެ ތަފާތު


މިނިސްޓްރީން ފާހަގަކުރި ގޮތުގައި ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) އަކީ ސިޔާދަތީ ވައިގެ ސަރަހައްދާ މުޅިން ތަފާތު ސަރަހައްދެކެވެ. އެފްއައިއާރް އަކީ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ) އިން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް ކަނޑައަޅާ ސަރަހައްދެކެވެ.
"މިއަށްވުރެ ބޭރުގެ ވައިގެ ސަރަހައްދަކީ އިންޓަނޭޝަނަލް އެއާސްޕޭސް ކަމަށް ވުމުން އެ ސަރަހައްދަށް ވަނުމަށް ހުއްދައެއް ނަގާކަށް ނުޖެހޭނެ،" މިނިސްޓްރީން ބުނެފައިވެއެވެ.

އެފްއައިއާރް ސަރަހައްދުގެ މައިގަނޑު ބޭނުމަކީ އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ދިނުމާއި، ސަލާމަތީ ކަންކަން ވިލަރެސްކުރުމާއި، ފްލައިޓްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ. އެއީ ގައުމުގެ ފުރިހަމަ ސިޔާސީ ބާރު ހިނގާ ސަރަހައްދެއް ނޫން ކަމަށާއި، އެ ސަރަހައްދަށް ވަންނަ ބޯޓުތަކަކީ ގައުމުގެ ސިޔާދަތީ ވައިގެ ސަރަހައްދަށް ވަންނަ ބޯޓުތަކެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ގާނޫނީ ގޮތުން ހުއްދަ ހޯދުމަކާ ނުލައި އެފްއައިއާރް ތެރެއިން ދަތުރުކުރެވެނީ އެއީ ސަލާމަތީ ކަންކަމަށް އޮންނަ ސަރަހައްދަކަށް ވުމުންނާއި، ބައިނަލްއަގުވާމީ ކަނޑުގެ މަތިން ދަތުރުކުރުމުގެ މިނިވަންކަން ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދޭތީއެވެ. ނަމަވެސް، މިފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން ވިލަރެސް ކުރަމުންދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.