ޖޫރިމަނާ ކުރުމަކުން ނުފުދޭ، އިޒްރޭލު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުން އެކަހެރިކުރަން ޖެހޭ: ފަލަސްތީނު
އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) އިން ތަފާތުކުރުންތަކާ ދެކޮޅަށް ހުރި އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށް ފީފާގެ ރިޕޯޓަކުން ދެއްކުމާ ގުޅިގެން، އެ އެސޯސިއޭޝަން ބައިނަލްއަގުވާމީ ފުޓްބޯޅައިން އެކަހެރި ކުރުމަށް ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން އަންގާރަ ދުވަހު ގޮވާލައިފިއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލްބީރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް ވިދާޅުވީ، އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަން ބައިނަލްއަގުވާމީ ހުރިހާ އިދާރާތަކުން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
ފީފާއިން މިދިޔަ ހަފުތާގައި ވަނީ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން އިސްރާއީލް 150,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ރަޖޫބް ވިދާޅުވީ މިއީ މުހިންމު ނިންމުމެއް ނަމަވެސް، މިއީ އެޅެންޖެހޭ އެންމެ ކުޑަ ފިޔަވަޅަށްވުރެ ވެސް ކުޑަ ފިޔަވަޅެއް ކަމަށެވެ.
Ads by BMLރަޖޫބް ފާހަގަކުރެއްވި ގޮތުގައި އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަނަކީ ނަސްލީ ތަފާތުކުރުން ބޮޑު އިދާރާއެކެވެ. ވަކިން ހާއްސަކޮށް ބައިތަރު ޖެރޫސަލަމް ކްލަބުން ތަކުރާރުކޮށް ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އައިއެފްއޭ ނުކުޅެދިފައިވާ ކަމަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ބައިތަރު ޖެރޫސަލަމް އަކީ ނަސްލީ ތަފާތުކުރުމާއި ފެސިޒަމްގެ އިންތިހާ މިސާލެއް،" ރަޖޫބް ވިދާޅުވިއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ 1,007 އެތުލީޓުންނާއި ކޯޗުން ޝަހީދުވެފައިވާ ކަމަށާއި، 265 ކުޅިވަރު ވަސީލަތްތަކެއް ސުންނާފަތިކޮށްލާފައިވާ ކަމަށް ރަޖޫބް ހާމަކުރެއްވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އިސްރާއީލުގެ ކުޅިވަރުގެ ބައެއް އިސްވެރިން ވަނީ މި އަމަލުތަކުގައި ބައިވެރިވެ ނުވަތަ ފާޅުގައި ތާއީދުކޮށްފައެވެ.
ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ހަދާފައިވާ އާބާދީތަކަށް ނިސްބަތްވާ މަދުވެގެން ފަސް ކްލަބެއް އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެއެވެ. އދ. އިން މި އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ފީފާއިން ވަނީ މި ކްލަބުތައް އިސްރާއީލުގެ ލީގުތަކުގައި ކުޅޭ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ނިންމާފައެވެ.
އިސްރާއީލަކީ މިހާރު ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) ގެ މެންބަރު ގައުމެކެވެ. ފަލަސްތީނުން ދަނީ އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން އެގައުމު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުން އެކަހެރިކުރުމަށް ބާރުއަޅަމުންނެވެ.
Ads by MACL
