ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމައިގައި ބައިވެރި ނުވާ ގައުމުތަކަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައިފި

ހަނގުރާމައިގައި ބައިވެރި ނުވާ ގައުމުތަކަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައިފި
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކުގައި ބައިވެރިނުވާ އަދި އެހީތެރިކަމެއް ވެސް ނުދޭ ގައުމުތަކުގެ އުޅަނދުތަކުން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރާ ނަމަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ދޭނެކަން އީރާނުން ރަސްމީކޮށް އަންގާފައިވާ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ބުނެފި އެވެ.

އައިއެމްއޯ އިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، އީރާނުގެ ފޮރިން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ފޮނުވި ބަޔާނެއްގައި ވަނީ އެ ޖަމިއްޔާގެ މެންބަރު ގައުމުތަކާއި އިދާރާތަކަށް މިކަން ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ "ދުޝްމަނު ނޫން އުޅަނދުތަކުން އީރާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކުގައި ބައިވެރިނުވާ އަދި އެފަދަ ކަންކަމަށް ވާގިވެރިނުވާ ނަމަ, އަދި ކަނޑައެޅިފައިވާ ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާނަމަ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުގެ އުޅަނދުތަކަށް ހުއްދައެއް ނެތް


އީރާނުގެ މި ނިންމުމުގައި ވަނީ ވަކި ފަރާތްތަކަކަށް ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން އެމެރިކާ އާއި އިޒްރޭލަށް ނިސްބަތްވާ އެއްވެސް އުޅަނދެއް ނުވަތަ މުދަލެއް، އަދި އެ ގައުމުތަކުން ހިންގާ އުދުވާނުގައި ބައިވެރިވާ އެހެން ފަރާތްތަކުގެ އުޅަނދުތަކަށް ވެސް މި ކަނޑުއޮޅިން ދަތުރުކުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ ކަމަށް އީރާނުން ވަނީ ސާފުކޮށްފަ އެވެ.

އީރާނުން ތުހުމަތުކުރާ ގޮތުގައި، ދުނިޔޭގެ ވިޔަފާރިއަށް މުހިންމު މި ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ސަލާމަތީ ނުރައްކާތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އީރާނާ ދެކޮޅަށް "ޣައިރު ގާނޫނީ ހަނގުރާމައެއް" ފަށާފައިވާ އެމެރިކާ އާއި އިޒްރޭލުންނެވެ. އިޒްރޭލާއި އެމެރިކާއިން ސަރަހައްދީ ސުލްހަ ނަގާލައި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާފައިވާ ކަމަށް ވެސް އީރާނުން ބުނެ އެވެ.

އިގްތިސާދީ އަސަރުތައް


މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ނުހަނު މުހިންމު މަގަކަށް ވުމުން، މި ބަންދާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިގެން ގޮސްފަ އެވެ.

އީރާނުގެ މި އާ ނިންމުމަކީ، ހަމަލާތަކުގައި ބައިވެރިނުވާ ގައުމުތަކަށް ލުޔެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބެލެވެ އެވެ. ނަމަވެސް މި ސަރަހައްދުގެ މަސްރަހު އަދިވެސް އޮތީ ނުހަނު ނުތަނަވަސްކޮށެވެ.