ޓާމިނަލް 2ގެ ކުރިމަތީގައި ވާ ހުސްތަނަށް ފަސިޖަރުންނަށް އަރާފޭބޭނެ: އެމްއޭސީއެލް
މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެސް ޓާމިނަލް 2ގެ ކުރިމަތީގައި ވާ ހުސްތަނަށް ފަސިޖަރުންނަށް އަރާފޭބޭނެ ކަމަށް އެމްއޭސީއެލް ބުނެފިއެވެ.
އެމްއޭސީއެލުން ބުނެފައިވާ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލް 2 ބޭނުންކުރައްވާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން 25 މާރިޗް 2026 (މިއަދު)ގެ ހެނދުނު 10.00 އިން ފެށިގެން، ޓަރމިނަލް 2 ގެ ކުރިމަތިން އެވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްކަމުގައި ވަނީ ކަނޑައެޅިފައެވެ.
މި އިންތިޒާމުގެ ދަށުން ޓަރމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
Ads by BMLމި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެއެވެ.
އަދި ޓަރމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދެކެވެ.
މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.
މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
Ads by MACL
