އީރާނުގެ ހަމަލާތައް ހުއްޓުވަން އެމެރިކާއާއި އިޒްރޭލާއި އެކު އުރުދުން ވެސް ބައިވެރިވެއްޖެ
އީރާނުން ފޮނުވާލާ މިސައިލްތަކާއި ޑްރޯންތައް ހުއްޓުވުމަށް އެމެރިކާއާއި އިސްރާއީލުގެ ފައުޖުތަކާ ގުޅިގެން އުރުދުންއިން މަސައްކަތް ކުރަމުންދާތީ، އެ ގައުމުގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. މި ސިޔާސަތުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ފަރާތްތައް ހައްޔަރުކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުރުދުންގެ ވެރިކަން ކުރާ ފަރާތްތަކުން ސަރަހައްދީ ވައިގެ ދިފާއީ ކަންކަމުގައި ބައިވެރިވަމުން ދިޔަ ނަމަވެސް، ގައުމުގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ. ބައެއް ސިޔާސީ ފެކްޝަންތަކުން ސަރުކާރުގެ ނިންމުމަށް ތާއީދު ކުރި ނަމަވެސް، އާންމުންގެ ބޮޑު ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ވައިގެ ތެރޭގައި ގޮއްވާލެވޭ ތަކެތީގެ ބައިތައް މީހުން ދިރިއުޅޭ ގެތަކަށާއި މަގުމައްޗަށް ފައިބަމުންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، އުރުދުންއަކީ "ޒަޔަނިސްޓުންގެ އައްޑަނައަކަށް" ވާންޖެހޭ ސަބަބާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މި ހަނގުރާމައިގެ ސަބަބުން އުރުދުންގެ ރައްޔިތުންނަށް ލިބޭ ގެއްލުންތަކާއި އުނދަގޫތަކަށް ސަރުކާރުން ޒިންމާވާންޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
Ads by BMLމި ނުތަނަވަސްކަމާ ގުޅިގެން އުރުދުންގެ ސަލާމަތީ ބާރުތަކުން ވަނީ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ހައްޔަރުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މިއީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށް މުހައްލިލުން ދެކެއެވެ. ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބޭރުގެ ބާރުތަކުން ކުރާ ހަނގުރާމައެއްގެ ތެރެއަށް އުރުދުން ވަންނަމުންދާތީ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
އީރާނުން ވަނީ އެމެރިކާއާއި އިސްރާއީލުން ކުރިއަށްގެންދާ އުދުވާނުގައި އުރުދުން ބައިވެރިވާތީ އެކަން ކުށްވެރިކޮށްފައެވެ. އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވިދާޅުވީ، އީރާނުގެ ބިމަށް ދޭ ހަމަލާތަކަށް މަގުފަހިކޮށްދޭ ކޮންމެ ގައުމަކުން އެކަމުގެ ބައިނަލްއަގުވާމީ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.
މި ހަމަނުޖެހުންތައް ފެށިފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭގެ ފަހުން އީރާނުން ވަނީ އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 80 އަށްވުރެ ގިނަ ރައްދު ހަމަލާ ފޮނުވާލާފައެވެ.
އީރާނުން ކުރިންވެސް ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ސަރަހައްދީ ގައުމުތަކަށް، އެ މަރުކަޒުތައް ބޭނުންކޮށްގެން ހަމަލާދީފިނަމަ ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
Ads by MACL
