ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ ފަރާތްތަކަށް ޚާއްސަ ޗުއްޓީއެއް ދެނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ ފަރާތްތަކަށް ޚާއްސަ ޗުއްޓީއެއް ދެނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ ނުވަތަ އާއިލީ ވެށީގައި ބޮޑުކުރުމަށް ހަވާލުވާ އާއިލާތަކަށް، ވިހެއުމުން ލިބޭ ފަދަ ޚާއްސަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް މި އެޕްރީލް މަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސިވިލް ސަރވިސްއާ މަޝްވަރާކުރެވިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިއީ ކުދިންނާ ހަވާލުވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަދި ހޮސްޕިޓަލް ތެރެއިން ނޫނަސްވެސް ކުއްޖަކާ ޙަވާލުވެފައި ގާތްގުޅުމެއް އުފައްދަން، އެކުއްޖާއާއެއްކޮށް ލޯބިވެތި ގުޅުމެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވޭ އެކުއްޖާއާއެއްކޮށް ހޭދަކުރަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ވަޒީފާގައި އުޅެމުން ތުއްތުކުދިންނާއެކު ވަގުތު ހޭދަކުރުމުގައި ހުރި ދަތިތަކަށް މި ޗުއްޓީގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ މަސައްކަތެކެވެ.

މިގޮތުން ފޮސްޓަރކުރުމުގެ މަރުހަލާ ލުއިކުރުމަށް "ޓެމްޕަރަރީ ފޮސްޓަރިން" ތައާރަފްކޮށް، މާލީ ދަތިކަން ހުރި އާއިލާތަކަށް ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީރު ހާމަކުރެއްވި ގޮތުގައި، 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު ވަނީ އާއިލާތަކާ ހަވާލުކުރެވިފައެވެ. މިއީ އެފަދަ ކުދިންނަށް އަބުރުވެރި އަދި ރައްކާތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.