ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑު ކޮށްގެނެއްނޫން: ސީއީއޯ

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް.. ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް.. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް ބޮޑުކޮށްގެން ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ދޮގުކުރައްވައިފި އެވެ. ޝަރީފް ވިދާޅުވީ ބޭންކުން މިދިޔަ އަހަރު ހޯދި ބޮޑު ފައިދާއަކީ ވިޔަފާރި އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމުގެ ނަތީޖާ ކަމަށެވެ.

ބޭންކުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިދިޔަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ދިގު ތާރީހުގައި އެންމެ ގިނަ ލޯނު ދޫކުރި އަހަރު ކަމަށެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން މުޅިން އަލަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރިން. މިއާއެކު ބޭންކުގެ ނެޓް ލޯންސް އެންޑް އެޑްވާންސަސް 25.2 ބިލިއަން ރުފިޔާއަށް އަރާފައިވޭ،" ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ލޯނު ނުދައްކާ ނިސްބަތްވެސް ވަނީ އެއް އިންސައްތަ ދަށްކުރެވިފައެވެ.

މިދިޔަ އަހަރު ބީއެމްއެލްއާ އަލަށް 30,000 ކަސްޓަމަރުން ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 16 އިންސައްތަ އިތުރުވެ 37.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި މިއީ ބޭންކުގެ ކަންކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެކެވެ. ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ހުރީ 48.1 އިންސައްތައިގަ އެވެ. މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

މާލީ ނަތީޖާތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. ސީއީއޯ ޝަރީފް ވިދާޅުވީ ގައުމީ ބޭންކަކީ ހަމައެކަނި މާލީ ފައިދާ ހޯދާ ތަނެއް ނޫން ކަމަށާއި، އެއީ މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ މުއައްސަސާއެއް ކަމަށެވެ.

"އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

ބޭންކުގެ އަމާޒަކީ މާލީ ގޮތުން ވަރުގަދަ ނަތީޖާތަކެއް ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރުން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.