ގައުމީ ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން، އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް: ޝަރީފް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން ކަމަށާއި، އެއީ ގައުމީ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ސަރުކާރާއެކު ބާއްވާ ގުޅުމުގެ އަސްލަކީ ދެ ފަރާތުން ހިއްސާކުރާ އެއް ތަސައްވުރެއް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ ތަސައްވުރަކީ ހަރުދަނާ، އެންމެންހާ ދިވެހިންނަށް ޝާމިލުވެވޭ، އަދި ފާގަތި ރާއްޖެއެއް ބިނާކުރުމުގެ ތަޞައްވަރެއް ކަމަށެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާ ގާތުން މަސައްކަތް ކުރުމަކީ ސްޓްރެޓީޖިކް ގޮތުން ބޭންކަށް ވަރަށް މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިގްތިސާދީ އޮނިގަނޑަށް ބަލާއިރު، ބީއެމްއެލްގެ ޖުމްލަ އެސެޓް މުޅި ރާއްޖޭގެ ޖީޑީޕީގެ 38 އިންސައްތަ ތަމްސީލުކުރެއެވެ.
Ads by BMLސަރުކާރާއެކު ކުރެވިފައިވާ މުހިއްމު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް ފޯރުކޮށްދިނުމުގެ މަޝްރޫއަކީ އޭގެ ފުރިހަމަ މިސާލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. ބީއެމްއެލް އިން ވަނީ ނުވަ މަސް ދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްފަ އެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ކުރީގެ އަގުތަކާ އަޅާބަލާއިރު 33 އިންސައްތަ ކުޑަ ހޭދައަކާ އެކުގައެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް' މެދުވެރިކޮށް 3,260 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ޝަރީފް ހާމަކުރެއްވިއެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހި އާއިލާތަކަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމައެކަނި ސިޔާސަތު ތަންފީޒުކުރުމެއް ނޫން، މިއީ ވިޔަފާރީގެ ގޮތުން ބެލިޔަސް ނިންމާ ރަނގަޅު ނިންމުންތަކެއް،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
މިފަދަ އައު ދާއިރާތަކަށް ވަނުމުން ބޭންކުގެ އާމްދަނީ ލިބޭނެ މަގުތައް އިތުރުވެ، ވިޔަފާރި ސިންދަފާދުވެގެންދާނެ ކަމަށް ބޭންކުން ދެކެއެވެ. ބީއެމްއެލް އިން ލަފާކުރާ ގޮތުގައި މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.
Ads by MACL
