ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުހުތާޒުގެ ހޫނު ރައްދެއް ސުއޫދަށް: ސްޕްރީން ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނަ މައްސަލަތައް ނިންމެވީ ތިބޭފުޅާ

މުހުތާޒުގެ ހޫނު ރައްދެއް ސުއޫދަށް: ސްޕްރީން ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނަ މައްސަލަތައް ނިންމެވީ ތިބޭފުޅާ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް މައްސަލަތައް ބަލައިގަތުމާއި ނުގަތުމުގައި އެންމެ ގިނަ ނިންމެވުންތަައް ނިންމަވާފައިވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރައްދު ދެއްވައިފިއެވެ.

މުހުތާޒު މިފަދައިން ރައްދު ދެއްވީ ސުޕްރީމް ކޯޓުގެ ނިންމުމަކަށް ފާޑުވިދާޅުވެ ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

މި މައްސަލަ ފެންމަތިވީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރުން 5 މަސް އުނިކުރުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމަށް ނިންމުމާ ގުޅިގެންނެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ، ގާނޫނުއަސާސީއާ ހިލާފު ސުވާލެއް އޭގައި އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ އާއި، ރައީސް ބިލު ތަސްދީގު ނުކުރައްވާނަމަ އަނބުރާ ފޮނުއްވަން ނުޖެހޭނެތީ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުން އެކުރި ކަމަކީ އަޑުއެހުމެއް ނުބާއްވައި ނިޔާކަނޑައެޅުން ކަމަށެވެ. އަދި ދައުވާކުރާ މީހެއްގެ ވާހަކަ އަޑުއެހުމެއް ނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯ ސުއޫދު ވަނީ ސުވާލު އުފައްދަވާފައެވެ.

ސުއޫދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން، މިހާރު ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު މުހުތާޒު ވިދާޅުވީ، ސުއޫދު އެ ވިދާޅުވާ ގޮތަށް ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން މައްސަލަތައް ނިންމެވީ ސުއޫދު ފަނޑިޔާރު ކަމުގައި ހުންނެވި އިރު ކަމަށެވެ.

 "ރަޖިސްޓްރާއަށް އެ ބާރު ދިނީވެސް އޭރުގެ ސުޕްރީމް ކޯޓުން،" މުހުތާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުހުތާޒު ފާހަގަކުރެއްވި ގޮތުގައި، ރަޖިސްޓްރާ އެގޮތަށް ނިންމަވާފައިވާ ނިންމެވުންތައް ސައްހަ ކަމަށް ކަނޑައެޅުއްވި ފަނޑިޔާރުންގެ ތެރޭގައި ވެސް ސުއޫދު އޭރު ހިމެނިވަޑައިގެންނެވިއެވެ. އެހެންކަމުން މިހާރު އެ އުސޫލަށް ފާޑުވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މުހުތާޒުގެ ވާހަކައިގައި ދޭހަވާ ގޮތަށް ވިދާޅުވެފައިވެއެވެ.