އިޒްރޭލް-އެމެރިކާއަށް އީރާނުގެ ވަރުގަދަ އިންޒާރެއް: ފަލަސްތީނުން ގަތުލު ކުރި ކޮންމެ މުސްލިމެއްގެ ބަދަލު ވަކިވަކިން ހިފާނަން
ޔަހޫދީ އިޒްރޭލާއި އެ ގައުމުގެ އެންމެ ގާތް މަދަދުގާރު ކަމުގައިވާ އެމެރިކާއަށް ވަރުގަދަ އިންޒާރެއް އިރާނުގެ އަސްކަރިއްޔާއިން ދީފިއެވެ. އީރާނުން އެ ގައުމުތަކަށް އިންޒާރު ދީފައި މިވަނީ ފަލަސްތީނާއި ލުބުނާނުގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކުގެ ސަބަބުން އެތަކެއް ކުށެއް ނެތް މުސްލިމުންތަކެއް ޝަހީދުވެގެންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީން އާއި ލުބުނާނުގެ މުސްލިމް އަޚުންނާއި އުޚުތުން ގަތުލުކުރަމުން ގެންދާއިރު، ދެން ކެތެއް ނުކުރެވޭނެ ކަމަށާއި، އެކަމުގެ ބަދަލު ހިތިކޮށް އިޒްރޭލަށާއި އެމީހުންގެ ބައިވެރިންގެ ކިބައިން ހިފާނެ ކަމަށް ބުނެ އީރާނުން ވަނީ ހަރުކަށި އިންޒާރު ވެސް ދީފަ އެވެ.
އީރާނުން ވަނީ ފަލަސްތީނާއި ލުބުނާނުގައި އިޒްރޭލާއި އެމެރިކާއިން ހިންގާ ޖަރީމާތައް ކުށްވެރިކޮށް، އެ އަމަލުތައް ވަގުތުން ހުއްޓާލަން ގޮވާލާފަ އެވެ.
Ads by BMLއީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ "ކުޑަކުދިން މަރާ އަސްކަރިއްޔާ" އިން މިހާރު ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކޮށްފައިވާ ކަމަށެވެ. އަދި ސަރަހައްދީ ހަނގުރާމައިގެ މާހައުލާއި މީޑިއާގެ ސަމާލުކަން އީރާނަށް އަމާޒުވެފައިވާ ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައިގެން އިޒްރޭލުން ޖަރީމާތައް ހިންގަމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އައިއާރުޖީސީން ބުނި ގޮތުގައި ލުބުނާނާއި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކަކީ ދެން އިތުރަށް ކެތް ކުރެވޭނެ ކަން ކަމެއް ނޫނެވެ.
"އިޒްރޭލުގެ ނުލަފާ އަސްކަރިއްޔާއިން ހިންގަމުންދާ ނުބައި ނުލަފާ ގަތުލުއާންމުތަކުގެ ބަދަލު ހިފާނަން. ފަލަސްތީނުން ޝަހީދު ކޮށްލި ކޮންމެ މުސްލިމެއްގެ ބަދަލު ވަކިވަކިން ހިފާނެ ކަމުގެ އިންޒާރު ދެން." އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ އުތުރު ސަރަހައްދުތަކާއި ގާޒާ ބެލްޓްގައި ހުރި އިޒްރޭލް ސިފައިން ޖަމާވެފައިވާ ތަންތަނަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށެވެ. އަދި އެއްވެސް ބެލުމެއް ނެތި، އީރާނުގެ މިސައިލާއި ޑްރޯންތަކުން އެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
Ads by MACL
