ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅު އެ ހަދަނީ ޑިމޮކްރަސީ އެއްވެސް ވަރަކަށް ނޭންގޭ މީހުން: އަލީ މޫސާ
ކޮންގްރެސް ޕާޓީގެ ހޯރަފުށީ ދާއިރާގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށް އެ ރަށަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން އެމްއެމްޓީވީގެ "ދިވެހީންގެރާއްޖެ" ކަވަރޭޖަށް ދެއްވި ބަސްދީގަތުމެއްގައި އަލީ މޫސާ ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ޑިމޮކްރެޓިކް ވެލިއުތައް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއް. ވަރަށް ބޭސިކް ފެންޑަމެންޓަލް ޑިމޮކްރެޓިކް ވެލިއުއެއް މި ހިފަހައްޓަނީ. ރައްޔިތުން ގާތު މި އައްސަވަނީ ރަނގަޅު ގޮތަކީ ކޮބައިތޯ؟. އެބަ ފެނޭ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން. ހަގީގަތަކީ ޑިމޮކްރސީ ރަނގަޅަށް ދަންނަ މީހުން އެގޮތަކަށް އަމަލެއް ނުކުރާނެ. ޑިމޮކްރަސީގައި ރައްޔިތުންގެ ބަސް އަހަންޖެހޭނެ،" މެމްބަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ މޫސާ ވިދާޅުވީ، ފާއިތުވި 10 އަހަރު ހޯރަފުށީ ކައުންސިލް އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލްގެ ދަށުގައި އޮތް އޮތުން ބަދަލުކޮށް، ސަރުކާރާ ގުޅިގެން ރަށަށް ތަރައްގީ ގެނައުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި ހޯރަފުށީ ދާއިރާގެ ރައްޔިތުން މި އިންތިހާބާ ކުރިމަތިލަނީ ބޮޑު އުއްމީދަކާ އެކުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރެފަރެންޑަމްއާ ގުޅޭގޮތުން މެމްބަރު އިތުރަށް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ލިބޭނެ ފައިދާތައް ރައްޔިތުން ގަބޫލުކުރާ ކަމަށާއި، ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ މި ދަތުރުގައި އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އިބްރާހީމް ޚަލީލް ބައިވެރިވެވަޑައިގެންނެވި އެވެ. ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު ހޯރަފުށީގައި ވަނީ ސައިކަލު ބުރެއްވެސް ބާއްވާފަ އެވެ.
Ads by MACL
