ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ރިފަރެންޑަމްގައި ކުރާ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ނެތް"

"ރިފަރެންޑަމްގައި ކުރާ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ނެތް"

ގާނޫނުއަސާސީއަށް ގެނައި އަށްވަނަ އިސްލާހާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ހުށަހަޅާ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ. މި މައްސަލައަކީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ނަގާ ވޯޓުގައި ހިމެނޭ ސުވާލަކީ ބާތިލު ސުވާލެއް ކަމަށް ބުނެ ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ޝުހުދު ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި އޮންނަނީ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހޭނެ ކަމަށް ކަމަށާއި، ނަމަވެސް އެ ވޯޓުގައި ރައްޔިތުންނަށް ހުށަހަޅަންޖެހެނީ ސުވާލަކުންތޯ ނުވަތަ ޖުމްލައަކުންތޯ އެ މާއްދާގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

"ސުވާލަކީ އިޖުރާއަތާ ގުޅޭ ސުވާލެއް. މި މާއްދާއަކީ އުސޫލެއް، ވަކި ގޮތަކަށް ޝަރުތުތަކެއް ކްރިއޭޓްކުރާ މާއްދާ. އެހެންވީމާ މި މާއްދާގެ މަގުސަދާ ސުވާލު ހިލާފުކަމުގައި ބުނުމުން ދުސްތޫރީ މައްސަލައެއް އުފެދިގެންދާ ކަމަށް ދައުލަތުން ނުދެކެން،" ޝުހުދު ވިދާޅުވިއެވެ.

ރިފަރެންޑަމް ގާނޫނާއި ރައީސްގެ އިހުތިޔާރު


ދައުލަތުން ފާހަގަކުރި ގޮތުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާ ކިޔަންވާނީ ރިފަރެންޑަމް ގާނޫނާއެކުގައެވެ. އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތްތައް ބަޔާންކުރަނީ އެ ގާނޫނުގައި ކަމަށާއި، ރިފަރެންޑަމް ގާނޫނުގައިވެސް ސުވާލުގެ އިބާރާތް އޮންނަންވީ ގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރީ ބާރަށް ދޫކޮށްލާފައިވާ ކަމެއް ކަމަށް ޝުހުދު ވިދާޅުވިއެވެ.

ދައުލަތުން އިތުރަށް ބުނީ 262 ވަނަ މާއްދާއާ ހިލާފުވާނީ އެ މާއްދާގައި ބަޔާންކުރާ ކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުނަންގަވަން ރައީސް ނިންމެވުމުން ނުވަތަ ވޯޓުގެ ނަތީޖާއާ ހިލާފަށް އަމަލުކުރެއްވުމުން ކަމަށެވެ. މި މައްސަލާގައި ސުވާލު ގޯސްވަނީ ކިހިނެއްކަން ދައުވާކުރި ފަރާތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ.

ޝަރީއަތުގެ މަރުހަލާ ނިމުމަކަށް


މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ ވިދާޅުވީ، މިއަދުގެ އަޑުއެހުމަށްފަހު މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ގަސްދުނުކުރައްވާ ކަމަށެވެ. ނަމަވެސް މައްސަލަ ދިރާސާކުރާ މަރުހަލާގައި އިތުރު ސުވާލެއް ކުރަން ޖެހިއްޖެނަމަ ދެ ފަރާތަށްވެސް އަންގަވާނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ކުރާ ސުވާލުގެ ސައްހަކަމާމެދު އުފެދިފައިވާ މައްސަލައެކެވެ.