ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް އަކުރަމް ކަމާލުއްދީން ވެސް ތާއީދުކުރައްވައިފި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މަޖިލީހުގައި. ފޮޓޯ: ސަން
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މަޖިލީހުގައި. ފޮޓޯ: ސަން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރިކަމަށް ވިދާޅުވެ، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އެކަމަށް ތާއީދުކުރައްވައިފިއެވެ.

އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ އަކުރަމް މިކަން ހާމަކުރައްވާފައިވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ރެފަރެންޑަމްއަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ލިސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން އަކުރަމް ވަނީ މައިގަނޑު ހަ ފައިދާއެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ވެރިކަމަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސްކުރާ މިންވަރު ކުޑަވުމުން، ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ހޮވުމަށް މަގުފަހިވުން ހިމެނެއެވެ. އަދި ވޯޓުލާ ވަގުތު ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްކަން ނޭނގޭތީ، މެންބަރުން ހޮވުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަވެ، ސަރުކާރުގެ ފޯކަސް ހިފެހެއްޓޭނެ


އަކުރަމް ފާހަގަކުރެއްވި ގޮތުގައި އިންތިޚާބުތަކުގެ ފްރެޝަރަށް ސަރުކާރުގެ ފޯކަސް އަބަދު ބަދަލުކުރަންޖެހުން ނިމުމަކަށް އައުމަކީ ސަރުކާރުގެ މައިގަނޑު އަމާޒަށް މަސައްކަތްކުރަން ލިބޭނެ ފުރުސަތެކެވެ. މީގެ އިތުރުން، ދައުލަތުންނާއި ސިޔާސީ ޕާޓީތަކުން އިންތިޚާބުތަކަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށާއި، އިންތިޚާބާ ދިމާކޮށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތްވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ މުހިންމު އިންތިޚާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދާނެ،" އަކުރަމް ވިދާޅުވިއެވެ.

މީގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން އިންތިޚާބުގައި އިތުރުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ސިޔާސީ ގޮތުން ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީންނެވެ. އެހެންކަމުން އެ ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަކުރަމް މިކަމަށް ތާއީދުކުރެއްވުމަކީ ފާހަގަކޮށްލެވޭ ބަދަލެކެވެ.