ކެބިނެޓުގެ އިސް ވަޒީރުންނާއި އެކު ރައީސް މެލޭޝިއާއަށް ފުރާވަޑައިގަންނަވައިފި
ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މީގެ އިރުކޮޅެއް ކުރިން އެމަނިކުފާނު މެލޭޝިއާއަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނާއެކު މި ދަތުރުފުޅުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި، ދިފާއީ ވަޒީރު ޣައްސާން މައުމޫނާއި، ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާނާއި، ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު އާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
Ads by BMLރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވާނެ އެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާ ބެހޭ މަޝްވަރާތައް ކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދުގައި ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނެ އިތުރު މަގުތައް ހޯދުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި މަލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، ދަތިވާ ކަންކަން ދެނެގަތުމަށް ހާއްސަ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ އެވެ.
Ads by MACL
