ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރެފެރެންޑަމް ވޯޓު ނެގުމުގައި ޤާނޫނާ ޚިލާފު ކަމެއް ނުހިނގާ؛ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދޭނެ ޖާގައެއް ނެތް: ވަކީލު ޝިފާއު

ރެފެރެންޑަމް ވޯޓު ނެގުމުގައި ޤާނޫނާ ޚިލާފު ކަމެއް ނުހިނގާ؛ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދޭނެ ޖާގައެއް ނެތް: ވަކީލު ޝިފާއު
އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ނެގުމުގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށާއި، މިކަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ހާލަތެއް އަދި މެދުވެރިނުވާ ކަމަށް ޤާނޫނީ ވަކީލު އަހުމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އިސްލާހެއް ފާސްކުރުމަށްފަހު ރައްޔިތުންގެ އަގުލަބިއްޔަތު ލިބިއްޖެ ހިނދެއްގައި، ރަސްމީ ނަތީޖާ ލިބޭތާ 15 ދުވަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރަންވާނެ ކަމަށް ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އެއޮތީ ވަރަށް ސާފުކޮށް ތަސްދީގުކުރަންޖެހޭނަމަ ކުރަންޖެހޭ މަރުހަލާ. މި މަރުހަލާގައި ތަސްދީގު ނުކުރެވިއްޖެ ހާލަތެއްގައި ދެން ކަން ވާނެގޮތުގެ މައްސަލައެއް ކަންނޭނގެ ހުށަހަޅަން މި ޖެހެނީ. އެކަމަކު އެ ހާލަތެއް ނުވަތަ މަރުހަލާއެއް އަދިއެއް ނެތް،" ޝިފާއު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނެރުއްވި ގަރާރުގައި ޤާނޫނާ ޚިލާފު ކަންކަން ހުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް ރިއާޔަތްކުރައްވައި ޝިފާއު ވިދާޅުވީ، ޤާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކުރާ ހުރިހާ އިޖުރާއަތްތަކެއް ރައީސްގެ ގަރާރުގައި ވަރަށް ސާފުކޮށް ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެ ގަރާރުގައި ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ޤާނޫނީ ވަކީލު އަލީ ޖިނާހު ވެސް ވަނީ މި މައްސަލައިގައި ހަގީގީ ބަހުސެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމަށް އަލިއަޅުވާލައްވާފައެވެ. ޖިނާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލެއް އަންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މި މައްސަލައަކީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަކަށްވާތީ، ޤާނޫނީ މާހިރުން ދެކޭގޮތުގައި މިހާރު ކުރިއަށްދާ އިޖުރާއަތްތަކަކީ ޤާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށްދާ ކަންކަމެވެ. އަދި މިކަމުގައި ކޯޓަށް ހުށަހަޅަންޖެހޭ ފަދަ ދުސްތޫރީ މައްސަލައެއް އުފެދިފައި ނުވާކަން ވަކީލުން ވަނީ ތަކުރާރުކުރައްވާފައެވެ.