ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށައިފި, 17 ފަންގިފިލާގެ 3 ޓަވަރު އިމާރާތް ކުރާނެ

ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށައިފި, 17 ފަންގިފިލާގެ 3 ޓަވަރު އިމާރާތް ކުރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއަކީ އެ ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 3,260 ހައުސިންގ ޔުނިޓްގެ ބޮޑު މަޝްރޫއުގެ ބައެކެވެ.

ވިލިމާލޭގައި ކުރިއަށްދާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ. މި މަޝްރޫޢަކީ، ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ވިލިމާލޭގައި 300 ހައުސިން ޔުނިޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތަކުގެ މަތީން ހަނދާން ނުނެތޭ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަކީ ވެވަޑައިގެންނެވި މުހިންމު ވައުދެއް ކަމަށެވެ.

މި މަޝްރޫއަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު އުންމީދެކެވެ. ރައީސް މައުމޫންގެ ވެރިކަމަށްފަހު، މާލޭގެ 5 ވަނަ އަވަށުގައި ބޯހިޔާވަހިކަމުގެ މިފަދަ މަޝްރޫއެއް އެއްވެސް ސަރުކާރަކުން ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ބީއެމްއެލް މެދުވެރިކޮށް މި މަސައްކަތް ފެށުމަކީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނާނޭ ކަމެއްކަމީ ޝައްކެތްވެސް އޮތްކަމެއް ނޫނެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މި ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ލަފާކުރެއެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީގެ އަމާޒަކީ ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

މި މަޝްރޫޢުގެ އިތުރުން، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ޖުމުލަ 2,700 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.