ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"އެފޯޑަބަލް ހައުސިންގއާއި އެކު ދިވެހި ޢާއިލާތަކަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރު ވާނެ"

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ސަބަބުން ދިވެހި ޢާއިލާތަކަށް ހަޤީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރު ކޮށްދިނުމަށް މަގުފަހިވެފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މި މަޝްރޫޢަކީ ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހެދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކުލި ދައްކަން ނުޖެހޭ ގޮތަށް ބިން ހަމަޖައްސަވައި ދެއްވުމަކީ، ސަރުކާރުން ނިންމެވި ވަރަށް ޙިކުމަތްތެރި އަދި ދުރުވިސްނޭ ނިންމެވުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މީގެ ސަބަބުން މަޝްރޫޢުގެ ޚަރަދު ބޮޑުތަނުން ކުޑަވެފައި، ދިވެހި ޢާއިލާތަކަށް ހަޤީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް މިވަނީ މަގުފަހިވެގެން ގޮއްސަ. މިއީ ހަރުދަނާ ސިޔާސަތުތަކެއްގެ ސަބަބުން ރައްޔިތުންނަށް ސީދާ މަންފާކުރާނެ ކަމުގެ ލާމަސީލު މިސާލެއް،" ޝަރީފް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުލި ދައްކަމުން ގޮސް މިލްކުވާ މޮޑެލްއެއް ފުޅާދާއިރާއެއްގައި ތަޢާރަފް ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެ ސަބަބުން ކުރިން އެޑްވާންސްއަށް ދައްކަންޖެހޭ ބޮޑެތި ފައިސާގެ އަދަދު ދެއްކުމުގެ ބުރަ ކުޑަވެ، އަތްފޯރާފަށުގައި އަމިއްލަ ގެދޮރު މިލްކު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ވިލިމާލޭގެ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. ޝަރީފް ވަނީ އެ ކުންފުނީގެ ކާމިޔާބީތައް ފާހަގަކުރައްވައި، އެއްބަސްވެފައިވާ ފެންވަރަށް އަދި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ އުއްމީދު ފާޅުކުރައްވާފައެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް ބީއެމްއެލްއިން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، އެޕާޓްމަންޓެއް ގަތުމާއި ގެއެއް އެޅުމަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު (އިކުއިޓީ) 20 އިންސައްތައިން 5 އިންސައްތައަށް މިހާރު ދަށްކޮށްފައިވާ ކަމަށެވެ. މިއީ ގެދޮރުވެރިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.