ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާއާ ދެކޮޅަށް ކުރާ އެއްގަމު ހަނގުރާމައަކަށް އީރާނުން 1 މިލިއަނަށްވުރެ ގިނަ ސިފައިން ތައްޔާރުކޮށްފި

އެމެރިކާއާ ދެކޮޅަށް ކުރާ އެއްގަމު ހަނގުރާމައަކަށް އީރާނުން 1 މިލިއަނަށްވުރެ ގިނަ ސިފައިން ތައްޔާރުކޮށްފި

އެމެރިކާއާ އެކު ކުރިމަތިލާން ޖެހިދާނެ އެއްގަމު ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން އީރާނުން އެއް މިލިއަނަށްވުރެ ގިނަ ހަނގުރާމަވެރިން ތައްޔާރުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން އަސްކަރީ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، ގިނަ އަދަދެއްގެ ޒުވާން ވޮލަންޓިއަރުން ރެކްރޫޓްމަންޓް ސެންޓަރުތަކަށް ޖަމާވަމުންދާ ކަމަށާއި، މި ބާރުތައް މިހާރު އޮތީ ހަނގުރާމައަށް ތައްޔާރީ ހާލަތެއްގައި ކަމަށެވެ.

އީރާނުގެ ބަސީޖް ފޯސް، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އަދި އަސްކަރިއްޔާގެ މަރުކަޒުތަކަށް އާންމުން ޖަމާވަމުންދާކަން ފާހަގަކުރަމުން ތަސްނީމް އެޖެންސީން ބުނީ، އީރާނުގެ ފަސްގަނޑަށް އަރާ އެމެރިކާ ސިފައިންނަށް "ތާރީޚީ ހޫނު ގަދަ ނަރަކައެއް" ދައްކާލުމުގެ ރޫހެއް ހަނގުރާމަވެރިންގެ މެދުގައި އެބައޮތް ކަމަށެވެ. މި ތައްޔާރުވުންތައް މި ފެށުނީ އެމެރިކާގެ އެލީޓް 82 ވަނަ އެއާބޯން ޑިވިޜަންގެ ސިފައިން މެދުއިރުމައްޗަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ޑިޕްލޮމެޓިކް ހުށަހެޅުންތަކަށް އީރާނުން އިންކާރުކުރުން


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް، ތެހެރާނުން ވަނީ ވޮޝިންޓަނުން ހުށަހަޅާ އެއްވެސް ޑިޕްލޮމެޓިކް ހުށަހެޅުމަކަށް އިންކާރުކޮށްފައެވެ. އަދި އެމެރިކާގެ ސިފައިން އީރާނުގެ ފަސްގަނޑަށް ފައިބައިފިނަމަ ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.

އެމެރިކާގެ ހަތިޔާރުގެ ރިޒާވް މަދުވަނީ


ދަ ޓެލެގްރާފުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރިޒާވަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ހަނގުރާމައިގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އެމެރިކާއާއި އެކުވެރި ގައުމުތަކުން 11,000 އަށްވުރެ ގިނަ ހަތިޔާރު ބޭނުންކޮށްފައިވާއިރު، މީގެ ޚަރަދު 26 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެމެރިކާއަށް ބާދަވެފައިވާ ނުވަތަ ޓެކްނޮލޮޖީގެ ގޮތުން ދަށް "ޑަމްބް ބޮމް" ބޭނުންކުރަން ޖެހިދާނެ ކަމަށް ބެލެވެއެވެ.

މިހާރުވެސް ޕާކިސްތާނުގެ މެދުވެރިކަމުގައި ނުސީދާ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނާއިރު، ދެ ގައުމުންވެސް ދަނީ އެއް ގައުމުން އަނެއް ގައުމަށް ހުށަހަޅާ ހުށަހެޅުންތަކަށް އިންކާރު ކުރަމުންނެވެ. އީރާނުން މިހާރުވެސް ދަނީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާއާއި އިޒްރޭލާ ގުޅުންހުރި އުޅަނދުތައް ހުއްޓުވަމުންނެވެ.