އީރާނުން އެމެރިކާއަށް "ސިއްރު ހަދިޔާއެއް" ދީފި, އަހަރެން މިހުރީ އެކަމާ ވަރަށް އުފަލުން: ޓްރަމްޕް
އީރާނުން އެމެރިކާއަށް "ސިއްރު ހަދިޔާ" އެއް ދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅިވެއްޖެ އެވެ.
ވައިޓް ހައުސްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އީރާނުން އެމެރިކާއަށް ދިން ކަމަށް ބުނާ "ސިއްރު ހަދިޔާއެއް" ގެ ތަފްސީލް ހާމަކުރައްވާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން އެމެރިކާއަށް ދިން ސިއްރު ހަދިޔާ އަކީ ތެޔޮ ބަރުކޮށްފައިވާ 10 ބޯޓު ގެންދިއުމުގެ ހުއްދަ ދިނުމެވެ. މިއީ އެ ގައުމުގެ އިޚްލާޞްތެރިކަން ދެއްކުމަށާއި ކުރިން ބުނެވުނު ބަހަކަށް މާފަށް އެދުމުގެ ގޮތުން ކުރި ކަމެއް ކަމަށް ޓްރަމްޕް ސިފަކުރެއްވި އެވެ.
ރައީސް ޓްރަމްޕް މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް، ތެހެރާނުން ވަނީ ވޮޝިންޓަނުން ހުށަހަޅާ އެއްވެސް ޑިޕްލޮމެޓިކް ހުށަހެޅުމަކަށް އިންކާރުކޮށްފައެވެ. އީރާނުން ވަނީ އެމެރިކާގެ ސިފައިން އެ ގައުމުގެ ފަސްގަނޑަށް ފައިބައިފިނަމަ ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. މިގޮތުން އެއްގަމު ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން އީރާނުން މިހާރުވެސް އެއް މިލިއަނަށްވުރެ ގިނަ ހަނގުރާމަވެރިން ތައްޔާރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ޒުވާން ވޮލަންޓިއަރުން ދަނީ ރެކްރޫޓްމަންޓް ސެންޓަރުތަކަށް ޖަމާވަމުންނެވެ. އީރާނުގެ ބަސީޖް ފޯސްއާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނަނީ އެމެރިކާގެ ސިފައިންނަށް "ތާރީޚީ ނަރަކައެއް" ދައްކާލުމުގެ ރޫހެއް ހަނގުރާމަވެރިންގެ މެދުގައި އެބައޮތް ކަމަށެވެ. މި ތައްޔާރުވުންތައް ފެށިފައިވަނީ އެމެރިކާގެ އެލީޓް 82 ވަނަ އެއާބޯން ޑިވިޜަންގެ ސިފައިން މެދުއިރުމައްޗަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ދަ ޓެލެގްރާފުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރިޒާވަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ހަނގުރާމައިގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އެމެރިކާއާއި އެކުވެރި ގައުމުތަކުން 11,000 އަށްވުރެ ގިނަ ހަތިޔާރު ބޭނުންކޮށްފައިވާއިރު، މީގެ ޚަރަދު 26 ބިލިއަން ޑޮލަރަށް އަރައެވެ.
މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެމެރިކާއަށް ޓެކްނޮލޮޖީގެ ގޮތުން ދަށް "ޑަމްބް ބޮމް" ބޭނުންކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
Ads by MACL
