ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުހުތާޒުގެ ރައްދު ރައީސް ޔާމީނަށް: މަނިކުފާނަކީ ތީ މިހާރު ސިޔާސީ މައިދާނުގައި އެއްވެސް ބުރަދަނެއް ހުންނެވި ބޭފުޅެއް ނޫން

މުހުތާޒުގެ ރައްދު ރައީސް ޔާމީނަށް: މަނިކުފާނަކީ ތީ މިހާރު ސިޔާސީ މައިދާނުގައި އެއްވެސް ބުރަދަނެއް ހުންނެވި ބޭފުޅެއް ނޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ސިޔާސީ ބުރަދަނެއް ހުރި ބޭފުޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛް މުޙްތާޒް މުޙްސިން ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މުހުތާޒު ވިދާޅުވީ މާޒީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑަށް އިހުތިރާމު ކުރައްވާ ކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ސިޔާސީ ބުރަދަން މިހާރު ނެތް ކަމަށެވެ.

މުހުތާޒު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު ޕާޓީ، ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ފަދަ "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށްވެސް ޔާމީން ވަނީ އިއުލާނު ކުރައްވާފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭގޮތުން ވާހަކަދައްކަވަމުން މުހުތާޒު ވިދާޅުވީ، "ހުސްގޮނޑި" އާ ނުލައި 70 އިންސައްތައަށް ވުރެ ގިނަ ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މިއީ ސަރުކާރު ކޯލިޝަނަށް އޮތް ތާއީދު ހާމަވާނެ އިންތިހާބެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅަކީ ރައީސް ޔާމީން ކަމަށްވާއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އަދި މަޖިލިސް މެންބަރުން މަގާމުތައް ހޯއްދެވީ ޔާމީންގެ "ފޮޓޯފުޅު" ދައްކައިގެން ކަމަށް ޔާމީން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް މުހުތާޒު ގަބޫލުކުރައްވާ ގޮތުގައި މިހާރުގެ ސިޔާސީ ހާލަތު ވަނީ ބަދަލުވެފައެވެ.

ނިންމާލަމުން މުހުތާޒު އަނެއްކާވެސް ތަކުރާރު ކުރެއްވީ ކޮންގްރެސް ޕާޓީގެ ވަރުގަދަކަމެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީން ހޯދާނެ ކާމިޔާބީއަކީ ސިޔާސީ މަސްރަހުގައި އެ ޕާޓީއަށް އޮތް ބޮޑު ތާއީދު ހާމަވެގެންދާނެ ކަމެއް ކަމަށެވެ.