ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ ތެލުގެ ރިޒާވެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށަނީ

ޤައުމީ ތެލުގެ ރިޒާވެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި، ޤައުމުގެ ޙާލަތާއި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ މުހިންމު ކަންކަމުގެ ތަފްސީލް ހިއްސާކުރައްވައިފިއެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވެވި މި ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިން ކުރި ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ރައީސް އެންމެ ފުރަތަމަވެސް އަލިއަޅުއްވާލެއްވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށެވެ. ޚާއްސަކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ރާއްޖެއަށް މެދުނުކެނޑި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ހަނގުރާމަ ފެށުނީއްސުރެ މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުރު ރާސްތާއަށް ވިސްނަވައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ނެޝަނަލް އޮއިލް ރިޒާވެއް ޤާއިމުކުރުމުގެ ދިރާސާތައް ފަށާފައިވާކަން ރައީސް އިޢުލާންކުރެއްވިއެވެ. މި މަޝްރޫޢުގެ ކޮންމެ ފިޔަވައްސެއް ދޮޅު އަހަރު ނުވަތަ ދެ އަހަރު ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

"ތެލުގެ މި ރިޒާވް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް. މިއީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުފަދަ ފަންޑެއް، އެހެންނަމަވެސް އެއީ ތެލުގެ ރިޒާވެއް" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމާއި ސްޓޮކް ބެލެހެއްޓުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ކާޑުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރާ އަމިއްލަ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ހަނގުރާމައިގެ ޙާލަތާ ގުޅިގެން މިހާރު ފައިސާ ހަމަޖެހިފައިވާ އަދި ފަށާފައިވާ މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދަނޑިވަޅުގައި އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމާއި ޞިއްޙީ ދާއިރާއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަ ލިބުމުން ކުރިން ދޫކޮށްލަންޖެހޭ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ނުޖެހޭ ގޮތަށް އުސޫލުތައް ބަދަލުކުރައްވާފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ.

ޚާރިޖީ ދާއިރާއިން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މެދުއިރުމައްޗާއި ގަލްފުގައި ހިނގަމުންދާ ހަނގުރާމައިގެ އެއްވެސް ކަމެއްގައި ރާއްޖޭގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ.