ބައިނަލްއަގުވާމީ ގާނޫނުތައް ވަނީ މަރުވެފަ، އެ ގާނޫނުތައް މަރާލީ އެމެރިކާ އާއި އިޒްރޭލުން: އަރަގްޗީ
ބައިނަލްއަގުވާމީ ގާނޫނުތައް މަރުވެފައިވާ ކަމަށާއި، އެމެރިކާ އާއި އިޒްރޭލުން އެ ގާނޫނުތައް މުޅިން ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވެ، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އދ. ގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
އަރަގްޗީ ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން، ދުނިޔޭގެ ނިޒާމަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި މި ގާނޫނުތަކަކީ އެންމެނަށް ހަމަހަމަ އުސޫލުތަކެއްގެ ބަދަލުގައި، ބާރުގަދަ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރާ ވަސީލަތަކަށް ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އަރަގްޗީ ވިދާޅުވީ، އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ދެކޭ ގޮތް ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ. އަދި އެމެރިކާއިން އިރާގަށް އެރި ހާދިސާގައި އެއީ މަޖުބޫރުވެގެން ނުވަތަ ދިފާއުގައި ކުރި ކަމެއްގެ ގޮތުގައި ދެއްކި ނަމަވެސް، އީރާނުން އަމިއްލަ ދިފާއުގައި އަޅާ ފިޔަވަޅުތައް ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއްގެ ގޮތުގައި ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައިނަލްއަގުވާމީ ގާނޫނުތައް މިހާރު މަރުވެއްޖެ. އެމެރިކާ އާއި އިޒްރޭލުން ވަނީ އެ ގާނޫނުތައް ނައްތާލާފައި،" އަރަގްޗީ ވިދާޅުވިއެވެ.
އޭނާގެ ވާހަކައިގައި ބަޔާންކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ފެށުނީއްސުރެ ވެސް ހުރިހާ ގައުމުތަކަކަށް ހަމަހަމަ ގޮތެއްގައި ހިނގާފައެއް ނުވެއެވެ.
Ads by BMLމި ފާޑުކިޔުންތަކާއެކު، އީރާނުން ވަނީ ދުނިޔޭގެ ސިޔާސީ މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައިވާ މި ނިޒާމަކީ އިންސާފުވެރި ނިޒާމެއް ނޫން ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮންޖަހާފައެވެ.
Ads by MACL
