އެމެރިކާ-އިޒްރޭލަށް އީރާނުގެ ވަރުގަދަ އިންޒާރެއް: ސަރަހައްދުގައި ހުރި ހުރިހާ ސިނާއީ ކުންފުނިތަކުގެ މުވައްޒަފުން ހުސްކުރޭ!
އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން، ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ހިއްސާ އޮންނަ ސިނާއީ ކުންފުނިތަކާއި އިޒްރޭލާ ގުޅުންހުރި ބޮޑެތި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގެ މުވައްޒަފުން ވަގުތުން މަސައްކަތް ހުއްޓާލައި އެ ތަންތަނުން ނުކުތުމަށް އަންގައި ވަރުގަދަ އިންޒާރެއް ދީފި އެވެ.
އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާއަތުގެ ހަނގުރާމަވެރިން ބަދަލުހިފުމުގެ ހަމަލާތަކެއް ދެމުންދާ ކަމަށެވެ. އެހެންކަމުން، އެމެރިކާގެ ހިއްސާދާރުން ތިބި ކުންފުނިތަކާއި، އިޒްރޭލުގެ ސަރުކާރާ ގުޅުންހުރި ބަރު ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގެ މުވައްޒަފުންގެ ފުރާނައަށް ނުރައްކާވެދާނެތީ، އެ ތަންތަނުން ވަގުތުން ދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން، އެފަދަ ސިނާއީ ސަރަހައްދުތަކުގެ ކައިރީގައި ދިރިއުޅޭ އާންމުން، އެ ތަންތަނާ އެއް ކިލޯމީޓަރަށް ދުރަށް ދިއުމަށް ވެސް ވަނީ އަންގާފަ އެވެ.
އައިއާރުޖީސީގެ އޭރޯސްޕޭސް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މަޖީދު މޫސަވީ ވިދާޅުވީ، އިރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދީގެން "އަލިފާނާ ކުޅެން" ފެށުމަކީ ކުރިން ވެސް ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި، އޭގެ ނަތީޖާ މުޅި ދުނިޔެއަށް ފެނިފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަހަރު އިރާނުން ދޭނެ ރައްދަކީ ހަމައެކަނި "ލޮލަކަށް ލޮލެއް" އުސޫލުން ދޭނެ ރައްދެއް ނޫން ކަމަށާއި، އެ ރައްދު އެއަށްވުރެ ވެސް މާ ވަރުގަދަވާނެ ކަމަށެވެ.
"އަހަރެމެންގެ ހަނގުރާމަވެރިން ދަނީ ބަދަލުހިފުމުގެ ހަމަލާތައް ދެމުން. އެހެންކަމުން ތިޔަބައިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ވަގުތުން މަސައްކަތުގެ މައިދާން ދޫކޮށް ދިއުމަށް އިންޒާރު ކުރަން،" އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ކާމިޔާބީއަކީ މާތްﷲގެ ހަޟްރަތުން ލިބޭ އެއްޗެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މި ބަޔާނަކީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އިރާނުން ދީފާނެ ވަރުގަދަ ހަމަލާއަކަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. މި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.
Ads by MACL
