އިޒްރޭލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފި
އީރާނުގެ މެދުތެރޭގައި އޮންނަ ޔަޒްދު ސިޓީގައި ހުންނަ ޔުރޭނިއަމް ޕްރޮސެސްކުރާ މަރުކަޒަކަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފިއެވެ.
މި ހަމަލާއަކީ ސަރަހައްދީ ޑިޕްލޮމޭޓުން ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަމުންދަނިކޮށް، މަސްރަހު އިތުރަށް ގޯސްވެގެންދިޔަ ކަމެކެވެ.
އިސްރާއީލުގެ އެއާފޯސްއިން ބުނި ގޮތުގައި މި ހަމަލާ އަމާޒުކުރީ ޔުރޭނިއަމް މުއްސަނދިކުރުމަށް ބޭނުންވާ ރޯ މެޓީރިއަލްސް ނެގުމަށް ބޭނުންކުރާ ޚާއްޞަ ފެސިލިޓީއަކަށެވެ. އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން މި ހަމަލާ ކަށަވަރުކޮށްދިން ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ރޭޑިއޭޝަން ލީކެއް ނުވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ބޫޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓް ކައިރިއަށް ވެސް ހަމަލާއެއް އަރާފައިވާ ކަމަށް އީރާނުން ރިޕޯޓްކޮށްފައިވެއެވެ.
Ads by BMLހަނގުރާމައަށް 28 ދުވަސް ވެފައިވާއިރު، އިސްރާއީލުން ވަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި މެދުތެރޭ އީރާނުގެ ހެވީ ވޯޓަރ ކޮމްޕްލެކްސްގެ އިތުރުން، ޚޫޒިސްތާން އަދި އިސްފަހާންގައި ހުރި ދެ ބޮޑު ދަގަނޑު އުފައްދާ ކާރުޚާނާއަކަށް ވެސް ވަނީ ހަމަލާދީފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އިސްރާއީލުން ދިން މި ހަމަލާތަކުގެ ބަދަލު ވަރަށް ހިތިކޮށް ހިފާނެ ކަމަށެވެ.
އީރާނުގެ ވެރިރަށް ތެހެރާނާއި، ކާޝާން، އަދި އަހްވާޒްއަށް ވެސް ހަމަލާތައް އަމާޒުވެފައިވާއިރު، ގުމް ސިޓީން އެކަނިވެސް 18 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 1,900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އީރާނުގެ ތާރީޚީ 120 އަށްވުރެ ގިނަ ބިނާއަށް ގެއްލުން ލިބިފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވީ، ހަމަލާތައް އިތުރަށް ވަރުގަދަކޮށް، އަމާޒުކުރާ ތަންތަން ފުޅާކުރާނެ ކަމަށެވެ. އަނެއްކޮޅުން އީރާނުގެ އައިއާރުޖީސީގެ ކޮމާންޑަރު ސައްޔިދު މަޖީދު މޫސަވީ ވަނީ، މިއީ ލޮލަކަށް ލޮލެއްގެ އުސޫލުން ބަދަލުހިފާ މަރުހަލާ ނިމި، އައު ފެށުމެއް ކަމަށް އިންޒާރު ދެއްވާފައެވެ.
އޭނާ ވަނީ ސަރަހައްދުގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ކުންފުނިތަކުގެ މުވައްޒަފުން ވަގުތުން އެ ތަންތަނުން ނުކުތުމަށް ގޮވާލައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ދޭން އުޅުނު ހަމަލާތައް އޭޕްރިލް 6 އަށް ފަސްކޮށްފައިވާ ކަމަށާއި، މަޝްވަރާތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
Ads by MACL
