ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔަމަނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލް ސައުދީން ވައްޓާލައިފި

ޔަމަނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލް ސައުދީން ވައްޓާލައިފި

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކުގެ ތެރެއިން އެއް މިސައިލް ސައުދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި ވައްޓާލާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފި އެވެ. މިއީ އީރާނުގެ މަދަދުލިބޭ ހޫތީން އިޒްރޭލަށް ދޭން އުޅުނު ހަމަލާތަކެއް ހުއްޓުވުމަށް ސައުދީން އެޅި ފިޔަވަޅެކެވެ.

މި ހާދިސާގެ ކުރީގެ ރިޕޯޓްތައް ބުނާގޮތުން، ރަތްކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރު ޔޫއެސްއެސް ކާނީ އިން ވަނީ ހޫތީން ފޮނުވާލި ހަތަރު ކްރޫޒް މިސައިލެއް ވައްޓާލާފަ އެވެ. ނަމަވެސް، ފަސްވަނަ މިސައިލް ވައްޓާލާފައިވަނީ ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށް ގާއިމުކޮށްފައިވާ ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ކަމަށް މިހާރު ވަނީ ހާމަވެފައެވެ.

ސައުދީ އަރަބިއްޔާއިން މި މިސައިލް ވައްޓާލާފައި މިވަނީ، ޔަމަނުގެ ހަނގުރާމައިގައި ހޫތީންނާ ދެކޮޅަށް ސައުދީ އިސްވެ އޮވެ ކޯލިޝަނަކުން ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަފުތާގައި ހޫތީ ވަނީ ސައުދީން ޔަމަނުގެ ހަނގުރާމަވެރިންނަށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރަން ދިޔުމަށް މަގު ފަހިކޮށްނުދޭތީ އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޕެޓް ރައިޑާ ވިދާޅުވީ، މި ހަމަލާތައް ދިނުމަށް އީރާނުން ސީދާ އަމުރުކުރި ކަމުގެ ހެއްކެއް ނެތް ނަމަވެސް، މީގެ ފަހަތުގައި އީރާނުގެ ނުފޫޒު އޮތްކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. މެދުއިރުމަތީގައި ހުރި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، ޕެންޓަގަންއިން މިހާރު ވަނީ އެ ސަރަހައްދަށް އިތުރު ވައިގެ ދިފާއީ ނިޒާމުތައް ފޮނުވަން ނިންމާފައެވެ.