ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޮރިޝަސްއަށް ފޯޅަވަހި ދިނުމުގެ އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން އިނގިރޭސިވިލާތަށް އަންގައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު

މޮރިޝަސްއަށް ފޯޅަވަހި ދިނުމަށް އިނގިރޭސިވިލާތުން އެ ގައުމާއެކު އެކުލަވާލާފައިވާ އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގައިފިއެވެ.

ބީބީސީއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން ހާމަކޮށްފައިވަނީ ދެ ލިޔުމެއްގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީއަށް ކުރެއްވި ފޯނު ކޯލެއްގެ މެދުވެރިކޮށެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ ފޯޅަވައްސާމެދު އިނގިރޭސިވިލާތާއި މޮރިޝަސްގެ މެދުގައި ގާއިމުކޮށްފައިވާ އެއްބަސްވުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި ރާއްޖެއިން ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާކުރުމާއެކު، ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅުތައް މެދުވެރިކޮށް އެ ސަރަހައްދު ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރު ސްޓެފަން ޑައުޓީ ވިދާޅުވީ، ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅިފައި އޮތް ކަމެއް ކަމަށާއި، އެކަމުގައި ރާއްޖޭގެ ދައުރެއް ނެތް ކަމަށެވެ. އިނގިރޭސި ސަރުކާރުން ދެކޭ ގޮތުގައި ބައިނަލްއަގުވާމީ ކޯޓުތަކުން މިހާރުވެސް ވަނީ އެ ރަށްތަކުގެ ސިޔާދަތު އޮންނާނީ މޮރިޝަސްއަށް ކަމަށް ނިންމާފައެވެ.

އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގައި އޮންނަ އަސްކަރީ ބޭސް ދެމެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑު މޮރިޝަސްއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ދިވެހި ސަރުކާރުން ބީބީސީއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ފޯޅަވަހީގެ މައްޗަށް އެތައް ގަރުނެއްވީ ތާރީހީ ސިޔާދަތީ ދައުވާއެއް ކުރެވެން އެބައޮތް ކަމަށެވެ.

މި މައްސަލައިގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަދި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުވެސް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް ސިޓީ ފޮނުވާފައެވެ. އެ ސިޓީތަކުގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގެ މަސްލަހަތުތައް އެއްފަރާތްކޮށް ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން އެއްބަސްވުމެއް އެކުލަވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުގެ މި މައުގިފަކީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ތާރީހީ އަދި އިދާރީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި ޖިއޮގްރަފީގެ ގޮތުން ފޯޅަވަހި ރާއްޖެއާ ކައިރީގައި އޮތުމަކީ، އެހެން ހުރިހާ ގައުމުތަކަށްވުރެ ރާއްޖެއިން އެ ރަށްތަކުގެ މައްޗަށް ކުރާ ސިޔާދަތީ ދައުވާ އިސްކަންދޭންޖެހޭ ސަބަބެއް ކަމުގައި ދިވެހި ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.