ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

‏ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވަން ވަޑައިގަތުން
ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވަން ވަޑައިގަތުން

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސަރަހައްދަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.

ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 167.5 ހެކްޓަރުގެ ބިމެކެވެ. ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ ދަށުން ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަަމަ ފިޔަވަހީގެ ދަށުން 70 ހެކްޓަރު ބިން ވަނީ ހިއްކައިފައެވެ.

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވަން ވަޑައިގަތުން:

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބޮސްކާލިސް ނަމަކަށް ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވާއިރު، ބިން ހިއްކުމަށް މިވަގުތު ދެ ޑްރެޖަރު ދަނީ ބޭނުން ކުރަމުންނެވެ. އެއީ އެއްފަހަރާ 35،500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާލެވޭ ކުއީން އޮފް ނެދެލޭންޑްސްއާއި 22،000 ކިއުބިކް މީޓަރު ހިއްޓާލެވޭ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރެކެވެ.

އެ ކުންފުނިން މި ތަނުގެ 97.15 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މިއަދު ހަވީރު ރައީސް އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ނޫސްވެރިންވެސް އެ ސަރަހައްދަށް އެ ގެންގޮސް އެތަނުގެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތް ވަނީ ދައްކައިލާފައެވެ.

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވަން ވަޑައިގަތުން:

އެ ސަރަަހައްދުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މިތަން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންގޮސް މާ ލަސްތަކެއް ނުވެ މަސައްކަތް ނިންމާލެވޭނެ ކަަމަށެވެ.

"މިތަނަކީ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރުވެސް ހިއްކަން ފައްޓަވާފައި އޮތް ތަނެއް، އެކަމަކު މިތަނުގެ ފުންމިނުގައި އެބަ އުޅޭ ގާތްގަނޑަކަށް 25 މީޓަރު ބައެއް ތަންތަނުގައި، އެތަންތަނުގައި އަޅުގަނޑުމެން މިހާރު ގާތްގަނޑަކަށް 15 މީޓަރު އެ ހުރީ ހިއްކާފައި. ދެން ފެނުން މައްޗަށް އަރަން އޮންނާނީ 10 ވަރަކަށް މީޓަރު. ކުރިއަށް އޮތް ދެ ހަފްތާ، ތިން ހަފްތާ ތެރޭގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން ބިން ވަރަށް ބާރަށް ހިއްކަމުން އަންނަ ތަން.". ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި، މިތަން ހިއްކުން ލަސްވަމުން ދަނީ ފުން ތަނަކަަށް ވުމުން ކަމަށެވެ.