ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިރާވަރުފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 35 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރުފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 35 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާތަނަށް 35 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް) އިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ވަނީ ގިރާވަރުފަޅަށް ވަޑައިގެން، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މިތަން ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މާލަސްތަކެއް ނުވެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި ގިރާވަރުފަޅަކީ ބައެއް ސަރަހައްދުތަކުގައި 25 މީޓަރުގެ ފުންމިން ހުރި ތަނަކަށް ވުމުން، ހިއްކުމުގެ މަސައްކަތަށް ވަގުތު ނަގައެވެ.

"މިތަނަކީ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރުވެސް ހިއްކަން ފައްޓަވާފައި އޮތް ތަނެއް، އެކަމަކު މިތަނުގެ ފުންމިނުގައި އެބަ އުޅޭ ގާތްގަނޑަކަށް 25 މީޓަރު ބައެއް ތަންތަނުގައި، އެތަންތަނުގައި އަޅުގަނޑުމެން މިހާރު ގާތްގަނޑަކަށް 15 މީޓަރު އެ ހުރީ ހިއްކާފައި. ދެން ފެނުން މައްޗަށް އަރަން އޮންނާނީ 10 ވަރަކަށް މީޓަރު،" ޝަރީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ތަން ފެންނާނެ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބޮސްކާލިސްއާ ހަވާލުކޮށްގެންނެވެ. ބިން ހިއްކުމަށް މިވަގުތު ދެ ޑްރެޖަރެއް ބޭނުންކުރަމުންދާއިރު، އޭގެ ތެރޭގައި އެއްފަހަރާ 35,500 ކިއުބިކް މީޓަރު ހިއްކޭ 'ކުއީން އޮފް ނެދެލޭންޑްސް' އާއި 22,000 ކިއުބިކް މީޓަރު ހިއްކޭ 'އޮރެންޖް' ޑްރެޖަރު ހިމެނެއެވެ.

ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކި 70 ހެކްޓަރާއެކު މިހާތަނަށް ޖުމްލަ 105 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މިއީ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއްގެ ބައެކެވެ.