ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޝުޖާއު ޔާމީނަށް: "އަނެއް ދިވެހިރާއްޖެ"ގެ ގޯސް ވާހަކަ އެންމެ ބޮޑަށް ދެއްކެވީ މަނިކުފާނު، އެ ރާއްޖެއެއް ދިވެހިން ބޭނުމެއް ނޫން

ޝުޖާއު ޔާމީނަށް: "އަނެއް ދިވެހިރާއްޖެ"ގެ ގޯސް ވާހަކަ އެންމެ ބޮޑަށް ދެއްކެވީ މަނިކުފާނު، އެ ރާއްޖެއެއް ދިވެހިން ބޭނުމެއް ނޫން

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޝިއާރު ކަމަށްވާ "އަނެއް ދިވެހިރާއްޖެ" އަށް ދާން ދިވެހިން މިހާރު ބޭނުން ނުވާ ކަމަށާއި، އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޔާމީންގެ އަމިއްލަ ޕާޓީ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި، ގައުމުގެ ހާލަތު އޮތް ގޮތުން ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ފަދަ "އަނެއް ދިވެހިރާއްޖެ"އެއް ހޯދަން ޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވުމާ ގުޅިގެން ޝުޖާއު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޝުޖާއު ފާހަގަކުރެއްވި ގޮތުގައި "އަނެއް ދިވެހިރާއްޖޭ"ގެ ނުރައްކާތެރިކަމާއި އޭގައި ހުރި ގޯސް ކަންކަމުގެ ވާހަކަ މީގެ ކުރިން އެންމެ ބޮޑަށް ދެއްކެވީ ވެސް ޔާމީން އެވެ.

 "އެ މަނިކުފާނު ވިދާޅުވީ 'އަނެއް ދިވެހިރާއްޖޭ'ގައި ފަނޑިޔާރުން ވަގަށް ނަގާނެއޭ. އެ ދިވެހިރާއްޖޭގައި ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކޮށް އުޅެވޭނެއޭ. އަދި އެ ދިވެހިރާއްޖޭގައި ދިވެހިން ހޯދާފައިވާ ހަރު މުދާ ވިއްކާނެއޭ،" ޝުޖާއު ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ނޫން އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވުމަކީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެރިކަމުގެ ބޫތުކައިފައި ތިއްބަވައިގެން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ ކަމަށާއި، ނަމަވެސް އަމާޒަކަށް ވާންވީ "ދިވެހީންގެރާއްޖެ"ގައި މިނިވަންކަމާއެކު އުޅުން ކަމަށެވެ.

މި ސަރުކާރުގެ "ދިވެހީންގެރާއްޖެ" ޝިއާރަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، މި ވެރިކަމުގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދީ، މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލުން ޖީލުތައް ސަލާމަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ޕީއެންސީގެ ވެރިކަން ވެގެންދާނީ ބަދަހި އާއިލާއެއް ބިނާކުރަން ބާރުއަޅާ ވެރިކަމަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.