ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާ އާއި އިޒްރޭލުގެ ބައެއް ސިނާއީ މުހިންމު މަރުކަޒުތަކަށް ހަމަލާދީ ސުންނާފަތިކޮށްލައިފި

އެމެރިކާ އާއި އިޒްރޭލުގެ ބައެއް ސިނާއީ މުހިންމު މަރުކަޒުތަކަށް ހަމަލާދީ ސުންނާފަތިކޮށްލައިފި

އެމެރިކާ އާއި އިސްރާއީލުގެ ބައެއް މުހިންމު ބޮޑެތި ސިނާއީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީ އެތަންތަން ސުންނާފަތިކޮށްލާފައިވާނެ ކަަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފި އެވެ. މި ހަމަލާތައް ދީފައިވަނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ކަމަށް އީރާނުގެ އަސްކަރިއްޔާއިން މައުލޫމާތު ދެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ އާއި އިސްރާއީލުގެ ދުޝްމަނުންގެ ބޮޑެތި މުހިންމު ސިނާއަތްތަކުގެ ބައެއް ބައިތައް ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. މިއީ އެ ގައުމުތަކުގެ އަސްކަރީ އަދި އިގްތިސާދީ ވަސީލަތްތަކަށް އަމާޒުކޮށް ދެވުނު ހަމަލާއެއްގެ ގޮތުގައި އީރާނުން ސިފަކުރެއެވެ.

"އެމެރިކާ އާއި އިސްރާއީލުގެ ދުޝްމަނުންގެ ބަރު ސިނާއަތްތަކުގެ ބައެއް ބައިތައް ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ވަނީ ސުންނާފަތިކޮށްލާފައި" އީރާނުގެ އަސްކަރިއްޔާއިން ބުންޏެވެ.

މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ހަމަލާ ދިން ސީދާ ސަރަހައްދުތަކެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ ދުޝްމަނުންގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ހަމަލާއެއް ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބާރުއަޅައެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާ ނުވަތަ އިސްރާއީލުގެ ފަރާތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ނުތަނަވަސް ހާލަތުގައި، އީރާނުގެ މި އިއުލާނާއެކު ސަރަހައްދީ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.