ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްގެ އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބީއެމްއެލްގެ އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ހަފްލާގެ ތެރެއިން
ބީއެމްއެލްގެ އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ހަފްލާގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުކުރު ދުވަހުގެ ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި، އެ ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑްތައް ހަވާލުކޮށްފި އެވެ. މި ހަފްލާގައި ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ މޮޅު ހިދުމަތްތަކެއް ފޯރުކޮށްދިން މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑެއް ވަނީ ދީފަ އެވެ.

މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މިއަހަރު ހާސިލްކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިޞްބާޙް ޢަބްދުއް ރަޝީދެވެ. މިއީ 2025 ވަނަ އަހަރު މިޞްބާޙް ދެއްކެވި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ. މީގެ އިތުރުން "ލީޑަރޝިޕް އެކްސެލެންސް އެވޯޑް" ހާސިލްކުރީ ހެޑް އޮފް ޕްރޮޕަޓީ ޔުޒްނާ ނަސީމްއެވެ.

ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ އިސްތިރާޖީ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް" ވަނީ ދީފަ އެވެ. މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ:

• މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
• ހުޝާމް ސައީދު، ޑީރެކްޓަރ އޮފް ޓެކްނޮލޮޖީ
• ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރ
• ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ
• އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރ

މި ހަފްލާގައި މުވައްޒަފުންނާ މުހާތަބުކުރައްވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ފާހަގަކޮށްލެވޭނެ، އަދި މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އަދި މި ކާމިޔާބީގެ އަސްލަކީ ބޭންކްގެ  މުވައްޒަފުންގެ ހީވާގިކަމާއި، ފަންނީ ގާބިލްކަމާއި، އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
" 2025 ވަނަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ފާހަގަކޮށްލެވޭނެ، އަދި މިހާތަނަށް އެންމެ ކާމިޔާބު އަހަރު. މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން، މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް. މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ހީވާގިކަމާއި، ފަންނީ ގާބިލްކަމާއި، އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު. މިރޭ އަޅުގަނޑުމެން އަގުވަޒަންކުރަނީ އެންމެ ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ މަސައްކަތް." ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.،

މީގެ އިތުރުން، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވެސް ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑް ދީފައިވެ އެވެ. ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ގިނަބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއް ތަން ކަމަށްވާއިރު، އެ ބޭންކުގެ މުވައްޒަފުންގެ 99 އިންސައްތައަކީ ދިވެހިންނެވެ.