މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭގޮތަށް ޤާނޫނު އިސްލާހު ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުންގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ޤަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުންގެ މަސައްކަތުގެ ފެންވަރު (ޕާފޯމަންސް) ދަށްވުން ނުވަތަ ޤާނޫނުގައި ބަޔާން ކުރާ ކަންކަމުން ދުރުވާނަމަ، ވަކި އަދަދަކަށް ސޮއިކޮށްގެން ޕެޓިޝަނެއް ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއްގެ މެންބަރުންގެ ތާޢީދު ހޯދައިގެން މެންބަރުން ވަކިކުރެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދައުރު މެދުތެރެއިން މަޖިލިސް އިންތިޚާބު ބާއްވާކަން ނުޖެހޭނެ. ހަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވާފައި މެންބަރުން ހޮވަންވީ. ހޮވާފައި ދައުރު ތެރޭގައި އެ ޤާނޫނަށް ކަނޑައަޅާ ޝަރުތެއް ނޫނީ ކަމެއް އުނިވީ، އެހިސާބުން ރައްޔިތުންނާ ފުރުޞަތު އެބަލިބޭ އެ ގޮނޑިން ބޭރުކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ދަނީ ޤާނޫނުތަކަށް ގެންނަންޖެހޭ ގިނަ އިސްލާހުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ މައްސަލަ ހައްލުކުރުމާއި، ރިޔާސީ ދައުރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފެށުމަށް ގެންނަ އިސްލާހު ހިމެނެއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބު އެއް ބުރުން ނިންމުމަށްޓަކައި "ޕްރިފަރެންޝަލް ވޯޓިންގ" ނިޒާމަކަށް ދިއުމާ ގުޅޭ ދިރާސާތައް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ ނިސްބަތް ކަނޑައެޅުމުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުމަށްވެސް ސަރުކާރުން ވަނީ ގަސްތުކޮށްފައެވެ. މި ހުރިހާ އިސްލާހުތަކެއް ގެނައުމުގައި ރައްޔިތުންގެ އާންމު ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ބައްލަވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމާއި، ޖުޑީޝަރީގެ މިނިވަންކަން އިތުރުކުރުމަށް ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުން ފަދަ މުހިންމު އިސްލާހުތަކެއްވެސް ސަރުކާރުގެ ރިފޯމް ޕެކޭޖުގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
Ads by MACL
