"މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ބޭނުން"
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން 10 އިންސައްތަ އަންހެނުންނަށް އަދި 10 އިންސައްތަ ޒުވާނުންނަށް ޚާއްސަކުރުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "އެސްޕްރެސޯ ވިތު ރައީސް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ނިޒާމުގެ ތެރެއިން މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަވެސް، އިންތިޚާބުތަކުގައި ނުހޮވުމުގެ ސަބަބުން ޒުވާނުންނާއި އަންހެނުން ނިޒާމުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ތަމްސީލު ނުވާކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގައި ވަކި ކޯޓާއެއް މި ދެ ގިންތިއަށް ކަނޑައެޅިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ޚުދު އެމަނިކުފާނު ޚިޔާލުފުޅު މިކަމުގައި ހުންނެވި ގޮތް ހިއްސާކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނެ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ 20 އިންސައްތަ ޒުވާނުންނާއި އަންހެނުންނަށް ޙާއްސަ ކުރެއްވުން ރަނގަޅެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 އިންސައްތަ ޒުވާނުންނަށް. 10 އިންސައްތަ އަންހެން ބޭފުޅުންނަށް. މިހާރުގެ މަޖިލީހުގައި 93 މެންބަރުން އެބަތިބި. އަޅުގަނޑުގެ ރިފޯމް ޕްރޮސެސް ތެރޭ އެއަދަދު އިތުރުނުވާ ގޮތް ހަދަންވެސް ގަސްތުކުރަން. މިހާރު މިއޮތީ 93 ގޮނޑި، އޭގެތެރެއިން 9 މެންބަރުން ޒުވާން ބޭފުޅުން، އެއީ 30 އަހަރުން ދަށުގެ. 9 މެންބަރުން އަންހެން މެންބަރުން،" ރައީސް ވިދާޅުވިއެވެ.
މިކަން ކުރެވޭނެ އެންމެ އިންސާފުވެރި ގޮތަކީ ކޮބާތޯ ބަލަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ގުރުއަތު ނަގައިގެން ދާއިރާތައް ކަނޑައެޅުން ކަމަށެވެ. މިއީ މިހާރުވެސް ކައުންސިލް އިންތިޚާބުތަކުގައި އަންހެނުންނަށް ގޮނޑި ޚާއްސަކުރުމުގައި ޢަމަލުކުރަމުންދާ އުސޫލެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު އޮންނަ ގޮތުން ކުރިމަތިލުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށާއި، ޤާބިލު ޒުވާނުންނާއި އަންހެނުން މައިދާނަށް ނުކުތުމަށް "ޕޮޒިޓިވް ޑިސްކްރިމިނޭޝަން" ނުވަތަ ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. މި ބަދަލާއެކު ޤައުމުގެ ކަންކަން ނިންމުމުގެ އެންމެ މުހިއްމު މުޢައްސަސާގެ ތެރޭގައި ޒުވާނުންނާއި އަންހެނުން ބާރުވެރިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމަކީ މިވަގުތު މަޝްވަރާ ކުރެވެމުންދާ ކަމަކަށްވާތީ، މިކަމުގައި ޒުވާނުންނާއި އަންހެނުން އަދި ޖުމްލަ ގޮތެއްގައި ރައްޔިތުންގެ ޚިޔާލާއި ވިސްނުން ހުރިގޮތް ބައްލަވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
Ads by MACL
