ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލުގެ ބޮޑު ޖަރީމާއެއް؛ މިސައިލް ހަމަލާތަކެއްދީ ލުބުނާނުގެ ތިން ނޫސްވެރިން ޝަހީދުކޮށްލައިފި

އިޒްރޭލުގެ ބޮޑު ޖަރީމާއެއް؛ މިސައިލް ހަމަލާތަކެއްދީ ލުބުނާނުގެ ތިން ނޫސްވެރިން ޝަހީދުކޮށްލައިފި

ލުބުނާނުގެ ދެކުނުގައި ނޫސްވެރިންކަން އަންގައިދޭ ނިޝާންތައް ޖަހާފައިވާ ކާރަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ތިން ނޫސްވެރިން ޝަހީދުވެއްޖެ އެވެ. މި ހަމަލާގައި އިތުރު ނޫސްވެރިންތަކަކަށް އަނިޔާވެފައިވާއިރު، އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ ޕެރަމެޑިކަކު ވެސް ވަނީ ޝަހީދުކޮށްލާފަ އެވެ.

މި ހަމަލާގައި ޝަހީދުވެފައިވަނީ އަލް މައްޔާދީން ޓީވީގެ ފާތިމާ ފްތޫނީ އާއި އޭނާގެ ކޮއްކޮ މުހައްމަދު ފްތޫނީގެ އިތުރުން އަލް މަނާރުގެ ނޫސްވެރިޔާ އަލީ ޝުއައިބެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޖެޒީން މަގުން ދަތުރުކުރަމުން ދިޔަ މި އުޅަނދަށް އިޒްރޭލުން ވަނީ ހަތަރު މިސައިލް އަމާޒުކޮށްފަ އެވެ. އެމްބިއުލާންސްތައް އެ ސަރަހައްދަށް ދިޔުމުން ވެސް އިޒްރޭލުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިޒްރޭލު ސިފައިން ވަނީ މި ހަމަލާ ދިން ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެމީހުން ތުހުމަތުކުރާ ގޮތުގައި އަލީ ޝުއައިބަކީ ހިޒްބުاللهގެ އިންޓެލިޖެންސް ޔުނިޓަކާ ގުޅިގެން މަސައްކަތްކުރާ މީހެކެވެ. އެހެންނަމަވެސް، އޭނާ މަސައްކަތްކުރާ އަލް މަނާރުން ބުނީ އޭނާއަކީ އެތައް އަހަރަކު ހަނގުރާމައިގެ މައިދާނުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގި ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި މިއީ ނޫސްވެރިންނަށް ލިބިދޭ ރައްކާތެރިކަމާ ހިލާފަށް ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. ބޮޑުވަޒީރު ނަވާފް ސަލާމް ވެސް ވަނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ހަމަލާއާ ގުޅިގެން އަލް މައްޔާދީން ޗެނަލުން މިހާތަނަށް ޝަހީދުވި ނޫސްވެރިންގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ. ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,142 މީހުން މަރުވެ، 3,300 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.