އިޒްރޭލުން އީރާނުގެ ޔުނިވަރސިޓީ އަކަށް ހަމަލަދީފި، އޭގެ ބަދަލު ހިފާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފަ
އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި، ތެހެރާންގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އީރާނުގެ މެހެރް ނިއުސް އެޖެންސީން ބުނި ގޮތުގައި، މި ޔުނިވަރސިޓީއަށް ހަމަލާ އަމާޒުވެފައިވަނީ ދެގައުމުން ދެމުންދާ ވައިގެ ހަމަލާތަކުގެ ތެރޭގައެވެ. ނަމަވެސް، މި ހަމަލާގައި މީހަކަށް އަނިޔާވިކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނެފައިވަނީ، އެމެރިކާއާ ގުޅިގެން ތެހެރާނަށް އަމާޒުކޮށް އާ ހަމަލާތަކެއް ފަށާފައިވާ ކަމަށެވެ. މި ހަމަލާތަކުގެ ތެރޭގައި މާޗް މަހުގެ 23 ވަނަ ދުވަހު އެ ޔުނިވަރސިޓީގެ އިލެކްޓްރިކަލް އިންޖިނިއަރިން ޑިޕާޓްމަންޓުގެ ފެކަލްޓީ މެންބަރެއް ކަމަށްވާ ސައީދު ޝެމްކަދްރީގެ ގެއަށް ހަމަލާދީ އޭނާ ވަނީ ޝަހީދުކޮށްލާފަ އެވެ.
Ads by BMLމީގެ ބަދަލު ހިދުމުގެ ގޮތުން އިޒްރޭލުގެ ޔުނިވަރސިޓީތަކަށާއި އެމެރިކާއާ ގުޅުން ހުރި ތައުލީމީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބުނެފަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތެހެރާންގެ ދެ ޔުނިވަރސިޓީއަކަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ހުޅަނގު އޭޝިއާ ސަރަހައްދުގައި ހުރި އެމެރިކާ އަދި އިޒްރޭލުގެ ހުރިހާ ޔުނިވަރސިޓީތަކަކީ ހަމަލާ ދިނުމަށް ކަނޑައެޅިފައިވާ އަމާޒުތަކެއް ކަމަށެވެ.
މި ނިންމުމާ ގުޅިގެން، އެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ކިޔަވާ ކުދިން އަދި ކައިރީގައި ދިރިއުޅޭ ރައްޔިތުން އެ ތަންތަނާ މަދުވެގެން އެއް ކިލޯމީޓަރު ދުރަށް ދިއުމަށް ރިވޮލިއުޝަނަރީ ގާޑުން ވަނީ އިންޒާރު ދީފައެވެ. މިއީ އަމާޒުކުރެވޭ ހަމަލާތަކުން އާންމުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދީފައިވާ އިރުޝާދެއް ކަމަށް އެ ޖަމާއަތުން ބުނެއެވެ.
ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި 1,340 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އީރާނުގެ އޭރުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.
މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލުގެ އިތުރުން އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެ، އުމްރާނީ ވަސީލަތްތަކަށް ގެއްލުން ލިބުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ.
Ads by MACL
