މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އަހަރު: ޝަރީފް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 އަހަރުވީ ދިގު ތާރީޚުގައި އެންމެ ކާމިޔާބު އަހަރަކީ ނިމިދިއަ 2025 ވަނަ އަހަރު ކަަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްއިން ހޯދާފައިވާ ތާރީޚީ ކާމިޔާބީތަކުގެ ތަފްސީލު ހިއްސާދާރުންނާ ހިއްސާކުރައްވަމުންނެވެ.
ސީއީއޯގެ ވާހަކަފުޅުގައި ބޭންކުގެ ސްޓެރެޓެޖީއާ އެއްގޮތަށް ފުޅާކުރަމުންދާ ދާއިރާތަކާއި، ޑިޖިޓަލް ކުރިއެރުންތަކުގެ އިތުރުން ކަސްޓަމަރުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމަށް އަލިއަޅުއްވާލެއްވިއެވެ.
Ads by BMLމިދިޔަ އަހަރު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އެރުމެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާގެ އަދަދު ވަނީ 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
"2025 ވަނަ އަހަރަކީ ހަމައެކަނި ރެކޯޑު އަދަދަކަށް ފައިދާ ލިބުނު އަހަރެއް ނޫން. އެއީ ގައުމީ ބޭންކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދައުރު ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތައް ފުޅާކުރި އަހަރެއް،" ބޭންކުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވި އެވެ.
އަދި ބޭންކުގެ ކާމިޔާބީ މިނެކިރެނީ ހަމައެކަނި މާލީ ނަތީޖާއިން ނޫން ކަމަށާއި، އެއީ ދިވެހިންގެ ދިރިއުޅުމަށާއި އިގްތިސާދަށް ކުރާ ހެޔޮ އަސަރުތަކުން ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ބޭންކުގެ ކުރިމަގުގެ ޕްލޭންތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ބޭންކުން އިންވެސްޓް ކުރަމުންދަނީ މުސްތަގުބަލަށް ކަމަށެވެ. މީގެ ތެރޭގައި ޑިޖިޓަލް ގާބިލުކަން ފުޅާކުރުމާއި، ހިންގުން ހަރުދަނާކުރުމާއި، ދިގު ރާސްތާގެ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުން ހިމެނެއެވެ. ބޭންކުގެ ކެޕިޓަލް އެޑެކުއަސީ ރޭޝިއޯ 48.1 އިންސައްތައިގައި ހުރުމަކީ ބޭންކުގެ މާލީ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ.
ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ ބޭންކުގެ 390,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށާއި، މުވައްޒަފުންނަށާއި، ހިއްސާދާރުން ބޭންކަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ބޭންކުގެ ބޯޑު އޮފް ޑައިރެކްޓަރުންގެ އިރުޝާދަށް ޝުކުރު ދަންނަވަމުން، 2026 ވަނަ އަހަރަކީވެސް ބޭންކަށް ކާމިޔާބު އަހަރަކަށް ވާނެކަމުގެ އުއްމީދު އޭނާ ފާޅުކުރެއްވިއެވެ.
Ads by MACL
