ހެންވޭރު ހުޅަނގު އޮތީ ތައްޔާރަށް، ދޫނިތައް އުދުއްސާލާނީ މިތަނުން: މެމްބަރ ކައްޕި
ހެންވޭރު ހުޅަނގު ދާއިރާ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި "ދޫނިތައް އުދުއްސާލާނީ" ސީދާ އެ ދާއިރާއިން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ އިބްރާހިމް (ކައްޕި) ވިދާޅުވެއްޖެ އެވެ.
ކައްޕި މިފަދައިން ވިދާޅުވީ ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދޮރުން ފޮރަށް ހަރަކާތުގައި މިއަދު މެންދުރުފަހު ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންނާއިއެކު ބައްދަލުކުެއްވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ.
ވިދާޅުވީ، ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުން ތިބީ ވަރަށް ވަރުގަދަ އަޒުމަކާއެކު ވެރިކަން ކުރާ ޕީއެންސީއާ އެކުގައި ކަމަށެވެ. އަދި އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ވޯޓު އަޅައި، ވޯޓު ފޮށިތައް ފުރާލުމަށް ދާއިރާގެ ރައްޔިތުން ތިބީ ފޫގަޅާލައިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
Ads by BML"ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުން ތިބީ ޕީއެންސީ އާއި އެކު ވަރަށް ވަރުގަދަކޮށް. ވަރުގަދަ އަޒުމެއްގަ. ހެންވޭރު ހުޅަނގު އޮތީ ތައްޔާރަށް، ދޫނިތައް އުދުއްސާލާނީ ސީދާ މިތަނުން." މެމްބަރ ކައްޕި ވިދާޅުވި އެވެ.
ޒުވާނުންގެ ބައިވެރިވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައްޕި ވިދާޅުވީ، ހެންވޭރުގެ ހުރިހާ ޒުވާނުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކޮށް، އެމަނިކުފާނާ އެކުގައި ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެއް ރޫޙެއްގައި ސަރުކާރަށް ތާއީދުކުރަން ނިކުމެ ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު ކައްޕިއަކީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ، އަދި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދާއިރާގެ ފަރާތުން ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ވާހަކައިގައި އިތުރަށް ބާރުއެޅުއްވީ ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ބޮޑު ކާމިޔާބީއެއް ހޯދައިދިނުމަށެވެ.
ދޮރުން ދޮރަށް މި ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އެމަނިކުފާނުގެ އަރިހުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންފައިވެއެވެ. އަދި، ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން ޕާޓީގެ މެންބަރުން ބައިވެރިވެފައިވެއެވެ.
ތިން ވޯޓެއް ހިމެނޭ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
Ads by MACL
