ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއަށް ދަތިކަމެއް ނެތި ބޭހާއި ކާބޯތަކެތި ލިބޭނެ އިންތިޒާމް ދަނީ ހަމަޖެހެމުން: ޚަލީލް

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

ރާއްޖެއަށް ދަތިކަމެއް ނެތި ބޭހާއި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ސާމާނު ފަސޭހަކަމާއެކު މެދުނުކެނޑި ލިބޭނެ އިތުރު މަގުތައް ހޯދުމަށް ބައެއް ޤައުމުތަކާއެކު ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، މިކަމަށް ޚާއްސަ ޓީމެއް ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ގޮސް މުހިއްމު މަޝްވަރާތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން މިހާރުވެސް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޚަރަދުތައް ރިވިއުކޮށް، އިސްކަންދޭ ދާއިރާތަކަށް މުހިއްމުކަން ދީގެން ޚަރަދު ކުޑަކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ގަލަފް ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެނެގަނެ އެކަމުގެ ފިޔަވަޅުތައް އަޅަމުންދަނީ. ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުން،" ޑރ. ޚަލީލް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުނީއްސުރެ އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. ޚާއްސަކޮށް އެ ސަރަހައްދުތަކުގައި ހުރި ދިވެހި އެމްބަސީތަކުން ކޮންމެ ދުވަހަކުވެސް ދިވެހިންގެ މަޢުލޫމާތު އެއްކޮށް، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވަމުން ވަޒީރު ވިދާޅުވީ، ހަމަލާތައް އައިސްދާނެ ކަމަށް ބެލެވޭ ނުރައްކާތެރި ސަރަޙައްދުތަކުގައި އުޅޭ ދިވެހިން މިހާރު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާއި ބޭރުގައި އުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.