ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޝާހިދު ޖެއްސެވި ހުތުރު މިސާލުން ގިނަ ބައެއްގެ ފާޑުކިޔުން، ހަޖޫޖެއްސެވީ ލޯފަން މީހުންނަށާއި ނަމާދަށް!

ޝާހިދު ޖެއްސެވި ހުތުރު މިސާލުން ގިނަ ބައެއްގެ ފާޑުކިޔުން، ހަޖޫޖެއްސެވީ ލޯފަން މީހުންނަށާއި ނަމާދަށް!

އިދިކޮޅު އެމްޑީޕީން ގދ. ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ޖެއްސެވި މަލާމާތުގެ ހުތުރު މިސާލާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެއްޖެ އެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމަށް ނަމާދާއި ލޯފަން މީހުންނާ ގުޅުވައިގެން ވަރަށް ހުތުރު މިސާލުތަކެއް ޖައްސަވާފައެވެ.

ޝާހިދު ވިދާޅުވީ މެނިފެސްޓޯއެއް ލިޔެގެން އޭގައި ކަންކަން ކުރާ ގޮތް ތަރުތީބުކޮށް، ހިސާބުކިތާބު ޖަހައިގެން ކަންކަން ކުރުމަކީ ގައުމެއް ހިންގުން ކަމަށް މި ސަރުކާރަށް ނޭނގޭ ކަމަށެވެ. އަދި މިއީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މިއޮތީ. އެ ސަރުކާރަކަށް ނޭނގޭ މެނިފެސްޓޯއެއް ލިޔެގެން މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބުކިތާބު ޖަހައިގެން ކަންކުރުން އެއީކަން ގައުމެއް ހިންގުމަކީ. ލާހޫރެނީ،" އޭނާ ވިދާޅުވި އެވެ.

މި ޖަލްސާގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ހިންގުންތެރިކަން ކުޑަކަން ހާމަކުރުމަށް ބޭނުންކުރެއްވި މިސާލުތަކަކީ ލޯފަން މީހުންނާއި ދީނީ އަޅުކަމެއް ކަމަށްވާ ނަމާދަށް ހަޖޫޖެހުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް މިފަދަ މިސާލުތައް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ދީނީ ކަންކަމާއި އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ މިސާލުތައް ބޭނުންކުރުމަކީ ޒިންމާދާރު ސިޔާސީ ލީޑަރެއްގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫން ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރި އެވެ.

"މިއީ ވަރަށް ދެރަވަރު މިސާލެއް، ބައެއްގެ އިހުސާސްތަކާ ތިޔަ ކުޅެލެވުނީ! އެމީހުން (ލޮލަށް ނުފެންނަ މީހުން) މިތަނަށް މިސާލަކަށް ވެއްދުމަށްވުރެ އެމީހުން އަމިއްލައަށް ވޯޓް ލެވޭނެ މިނިވަން މާހައުލު ގާއިމްކޮށްދޭން މަސައްކަތް ކުރުން އައުލާކަން ބޮޑު!" ސޯޝަލް މީޑިއާގައި ޝާހިދު ޖެއްސެވި މޖިސާލު ބަސްތަކަށް ރައްދުދީ ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެ އެވެ.