އައްޑޫ ގާޑިޔާ ވިޔަފާރިވެރިންނަށް ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީކަން މުޝްރިފް ދީފި
އައްޑޫ ސިޓީގެ ގާޑިޔާ ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށާއި، އައްޑޫގެ ކުދި ވިޔަފާރިތަކާއި ވިޔަފާރީގެ ފުރުސަތު ބޭނުންވާ ޒުވާނުންނަށް އެ ޒުވާނުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.
މުޝްރިފް ވިދާޅުވީ، މިހާރު އައްޑޫގެ ގާޑިޔާތައް ހިންގަމުންދަނީ ވަގުތީ ބިންތަކެއްގައި ކަމަށާއި، އޭނާގެ އަމާޒަކީ އެ ތަންތަނަކީ ފެންވަރު ރަނގަޅު، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވިފައިވާ ދާއިމީ ތަންތަނަށް ހެދުން ކަމަށެވެ. މިގޮތުން، ޒުވާނުންނަށާއި އައްޑޫގެ ރައްޔިތުންނަށް ރޭގަނޑުގެ ފިނި ވަގުތުތަކުގައި ހިތްހަމަޖައްސާލައި، ދިވެހި ކާބޯތަކެއްޗާއި ތަފާތު ރަހަތައް ތަޖުރިބާކޮށްލެވޭނެ މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫ ވަންތަ ބާބަކިއު އާއި ޕާޓީތައް ބޭއްވޭނެ ފަދަ މަރުކަޒުތަކެއްގެ ގޮތުގައި މި ތަންތަން ތަރައްޤީ ކުރަން ފުރުސަތު ދޭނެ ކަމަށް މުޝްރިފް ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކައުންސިލްގެ މާލިއްޔާއިންނާއި އެހެނިހެން ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
Ads by BML"ދަ ގްރޭޓަރ އައްޑޫ" ވިސްނުމުގެ ދަށުން، އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މިފަދަ ގާޑިޔާ ނުވަތަ ކިއޮސްކްތަކުން ލިބޭ ޚިދުމަތްތަކާއި ކާބޯތަކެތީގެ މައުލޫމާތު ފަސޭހައިން ފެންނާނެ އިންތިޒާމުތައް ހަމަޖައްސައި، އެ ތަންތަނަށް ދަތުރުފަތުރު ކުރުން ފަސޭހަ ކުރާނެ ކަމަށް ވެސް މުޝްރިފް ވިދާޅުވިއެވެ. ކައުންސިލަށް އެތައް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު، މިފަދަ އަސާސީ ކަންކަން ފުރިހަމަ ނުވެ އޮތުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އައްޑޫ ސިޓީ ފެންނަން ޖެހެނީ މިހާ ނިކަމެތިކޮށެއް ނޫން. މި ސިޓީ ވާންޖެހޭނީ ޒަމާނީ ތަރައްޤީ ލިބިފައިވާ، ވަސީލަތްތައް ގިނަ، ރާއްޖޭގެ އެންމެ ތަރައްޤީވެފައިވާ ތަނަށް،" މުޝްރިފް ވިދާޅުވިއެވެ.
އެއްވެސް ވިޝަނެއް ނެތި އައްޑޫ ނިކަމެތިކޮށް ބޭއްވޭކަށް ނެތް ކަމަށާއި، ރައްޔިތުން ތިބީ ހަގީގީ ބަދަލަކަށް ކެތްމަދުވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިންމަވާލައްވަމުން މުޝްރިފް ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި އައްޑޫގެ ރައްޔިތުން ބަދަލަކަށް ވޯޓު ދީ، އޭނާ ހޮވާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އޭނާގެ އަމާޒަކީ އައްޑޫއަކީ ފުރުސަތުތައް ތަނަވަސް، ކުރިއަރާފައިވާ ސިޓީއަކަށް ހެދުމެވެ.
Ads by MACL
