ގޯތި ދޫކޮށްލުމަށްފަހު ފުލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގައި ހުޅުވާލަނީ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދުގެ ހައުސިންގ ސްކީމްތަކުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް، ސަރުކާރުން އަޅަމުންދާ ފުލެޓްތަކަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ މެދުތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މި ނިންމުމަކީ ގިނަ ރައްޔިތުންގެ ބައްދަލުވުންތަކުން ލިބުނު ހިޔާލުތަކަށް ރިއާޔަތްކޮށް، ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ. މި އާ ފުރުސަތަށް އެދި ހުށަހެޅުމުގެ މަސައްކަތް އޭޕްރީލް މަހުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މާލީ ތަނަވަސްކަން ނެތް އާއިލާތަކަށް ލުޔެއް
ރައީސް ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި، އަމިއްލައަށް އިމާރާތް ކުރުމުގެ މާލީ ތަނަވަސްކަން ނެތް ނިކަމެތި ގިނަ އާއިލާތަކެއް އެބަތިއްބެވެ. ހާއްސަކޮށް އެކަނި ގޯތި ލިބިފައިވާ ފަރާތްތަކާއި، ގުޅީފަޅު ނުވަތަ ގިރާވަރުފަޅުގެ އިންފްރާސްޓްރަކްޗަރ ނިމެންދެން މަޑުކުރަން ދަތިވާ ފަރާތްތަކުން، އިމާރާތްކޮށް ނިމުމުން ވަދެވޭ ގޮތަށް ހުންނަ ފުލެޓަށް ބަދަލުވާން ބޭނުންވާކަން ފާހަގަކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާނައަކީ މާލެ ސަރަހައްދުން ހައުސިން ސްކީމަކުން ލިބިފަ އޮތް ގޯތި ދޫކޮށްލުމަށްފަހު ފްލެޓް ހޯދުމަށް ފުރުސަތު ދޭން. އެ ފްލެޓަކީ ވަރަށް ފަސޭހައިން ލިބޭނެ ތަނެއް އަޅާ ނިމުނީމަ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް
ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތި ހާލަތަށް ހައްލެއް ހޯދައިދީ، ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތަކަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމެވެ. މި ބަދަލާއެކު، ގޯތި އިމާރާތްކުރުމުގެ މާލީ ބުރަ އުފުލަން ދަތިވާ ފަރާތްތަކަށް ސަރުކާރުގެ ފުލެޓް ކެޓަގަރީން ޖާގަ ހޯދުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ގެދޮރުވެރިކަމަށް މިހާރު ހުޅުވާލާފައިވާ ސްކީމްގެ ތެރެއިން ގޯތި އަދި ފްލެޓަށް އެޕްލައި ކުރުމުގައި އިތުރު ފުރުސަތުތައް ރައްޔިތުންނަށް ހޯދައި ދިނުމަށް މީގެ ކުރިންވެސް އެކި ފަހަރު މަތިން އެކި ކަންކަން ބަދަލުކޮށް، ފުރުސަތުތައް ފުޅާކޮށް ތަނަވަސްކޮށްދީފައި ވާނެ ކަމަށެވެ. މިއީ އެކި ރައްޔިތުންގެ ބައްދަލުވުންތަކުގައި ލިބިފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Ads by MACL
