ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްބިއުލާންސްގެ ޚިދުމަތަށް ބޮޑު ލުޔެއް؛ އޭޕްރީލް 1 އިން ފެށިގެން އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ

އެމްބިއުލާންސްގެ ޚިދުމަތަށް ބޮޑު ލުޔެއް؛ އޭޕްރީލް 1 އިން ފެށިގެން އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ
އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ފަދަ މުހިންމު ނިންމެވުންތަކެއް ސަރުކާރުން ނިންމަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި މި ނިންމެވުމާއެކު، އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައު އުސޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ލިބިގެންދާނެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، ކުއްލި ހާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ އިތުރުން، މަރުވާ ފަރާތްތައް އެމްބިއުލާންސްގައި އުފުލުމަށް އާސަންދަ ހަމަޖެހިގެންދިއުމެވެ.

މީގެ އިތުރުން، އެނދުމަތިވެފައިވާ (ބެޑްރިޑަން) ފަރާތްތަކާއި، ވީލްޗެއާ ބޭނުންކުރާ ފަރާތްތަކުން އައުޓް ޕޭޝަންޓް ޚިދުމަތް ހޯދުމަށް ދާންޖެހޭ ހާލަތްތަކުގައިވެސް އެމްބިއުލާންސްގެ ޚިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށްދެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދީގެން ގެނައި މި ބަދަލުގައި، ނަފްސާނީ ބަލިތަކާއި، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ފަދަ ހާލަތްތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އައުޓް ޕޭޝަންޓް ޚިދުމަތް ހޯދުމަށް ދިއުމަށްވެސް މިހާރު އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ލިބޭނެއެވެ. އަދި ތެލެސީމިއާ ކުދިންނަށް ފަރުވާ ހޯދުމަށް ދިއުމަށްވެސް މި ޚިދުމަތް ވަނީ ހަމަޖައްސައިދީފަކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސިއްހީ މަރުކަޒުތަކުގައި އެނދުމަތިކޮށްފައިވާ ބަލިމީހުން އިތުރު ތަހުލީލުތަކަށް ނުވަތަ ފަރުވާއަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކުގައްޔާއި، ރާއްޖޭން ބޭރަށް ފަރުވާއަށް ފޮނުވާލެވޭ ބަލިމީހުން އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިއުމަށް ކުރަންޖެހޭ ޚަރަދުވެސް އޭޕްރީލް 1 އިން ފެށިގެން އާސަންދައިގެ ދަށުން ހަމަޖެހިގެންދާނެއެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މިއީ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ހުށަހަޅަމުންދިޔަ ކަންބޮޑުވުމަކަށް ވުމުން، އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މި ބަދަލު ގެނެސްފައިވަނީ ޓެކްނިކަލް ލެވެލްގައްޔާއި، މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ދިރާސާކޮށް، ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އައު ބަދަލުތަކުގެ ސަބަބުން ސިއްހީ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.