ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކެމްޕޭނާ ގުޅިގެން މުވައްޒަފުން ނުނަގާނެ؛ ދައުލަތުގެ އެއްވެސް ފައިސާއެއް ވެސް އިސްރާފު ނުކުރާނެ: ރައީސް

ކެމްޕޭނާ ގުޅިގެން މުވައްޒަފުން ނުނަގާނެ؛ ދައުލަތުގެ އެއްވެސް ފައިސާއެއް ވެސް އިސްރާފު ނުކުރާނެ: ރައީސް
ސަރުކާރުން ހިންގާ އެކި މަޝްރޫތަކަށް މުވައްޒަފުން އިތުރުކުރަނީ އިންތިހާބާ ދިމާކޮށް ކެމްޕޭނަށް ނޫން ކަމަށާއި، ދައުލަތުގެ އެއްވެސް ފައިސާއެއް އިސްރާފު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީ ފަދަ ކުންފުނިތަކަށް މުވައްޒަފުން ނަގަނީ ހުއްޓިފައި ހުރި މަޝްރޫތައް އަލުން ފެށުމަށާއި، ރަށްރަށުގައި ކުރިއަށްދާ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާތީ ކަމަށެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ކެމްޕޭނާ ދިމާކޮށް އެމްޓީސީސީން އެކަނިވެސް މިމަހުގެ ތެރޭގައި 1،000 އެއްހާ ވަޒީފާއަށް ހުޅުވާލާފައިވާކަން ފާހަގަކޮށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު އައިއިރު އެމްޓީސީސީގައި ވަރަށް ގިނަ މަޝްރޫތަކެއް ހުރީ ހުއްޓިފައެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާ މަޝްވަރާކޮށްގެން އެ މަސައްކަތްތައް މިހާރު ވަނީ ތަރުތީބުކޮށްފައެވެ.

"އެހެންވީމާ އެ ފަރާތްތަކުން، އެ ކުންފުނިތަކުން، އެމްޓީސީސީ މިސާލަކަށް، އެމީހުންނާ ހަވާލުވެފަ ހުރި މަޝްރޫތަކަށް މީހުން ނަގާނެ. ދެން މި ނަގަނީކީ އިންތިހާބަކާ ގުޅިގެންނެއް ނޫން،" ރައީސް ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2,300 އަށްވުރެ ގިނަ މަޝްރޫ އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަލަށް ފެށި ޓެކްސީ ލައިނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ މާ ކުރިން އިއުލާންކޮށްފައިވާ ސިޔާސަތެއް ކަމަށާއި، އޭގެ މަސައްކަތް ލަސްވީ ޓެކްސީތައް ރާއްޖެއަށް ގެނައުމުގައި ދިމާވި ލޮޖިސްޓިކް ދަތިތަކެއްގެ ސަބަބުން ކަމަށެވެ. ބޭރުފުށުން ބަލާއިރު އިންތިހާބާ ދިމާވާހެން ހީވިޔަސް، ކޮންމެ ކަމެއްވެސް ކުރިއަށްދަނީ ވަރަށް ބޮޑަށް ރޭވިގެން، ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެހެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޓީސީސީން މި ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވަމުންދާ މާލޭ ޓެކްސީގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މިމަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިމަހުގެ 4 ވަނަ ދުވަހު 181 ޑްރައިވަރުން، 19 ވަނަ ދުވަހު 174 ޑްރައިވަރުން އަދި 25 ވަނަ ދުވަހު 107 ޑްރައިވަރުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ ދުވަހަކުވެސް މަޝްރޫތަކުގެ ކުރިއެރުން ބަލައި، ރައްޔިތުންނަށް ވީހާވެސް އަވަހަށް އޭގެ މަންފާ ހޯދައިދިނުން ކަމަށާއި، އެއްވެސް ކަމެއްގައި އިސްރާފު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.