ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް؛ ނަމަވެސް ބޭނުންވަނީ ތައުލީމީ މީހުން: ރައީސް

ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް؛ ނަމަވެސް ބޭނުންވަނީ ތައުލީމީ މީހުން: ރައީސް

ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި، ނަމަވެސް އިންތިހާބީ މަގާމުތަކަށް ތައުލީމީ އަދި ގާބިލު ބޭފުޅުން ކުރިމަތިލުމަކީ ބޭނުންފުޅުވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ އެއްވެސް ވަރަކަށް ވިސްނާފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ހާމަކުރަމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

އިންތިހާބީ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ތައުލީމީ ޖީލެއް ބިނާކުރުމަށާއި އެ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ތާއީދުކުރައްވާ ކަމަށެވެ. ޚާއްސަކޮށް މަޖިލިސް، ކައުންސިލް އަދި ރައީސް ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލު ބޭފުޅުންނަށް ވާންޖެހޭ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވަ އެވެ.

"އަޅުގަނޑު ހަމަ ހަގީގަތުގައި ބޭނުންވަނީ ކޮންމެ މަސައްކަތަކަށްވެސް ކުރިމަތިލާން ތައުލީމީ މީހުން. އެއީ މަޖިލިސް ކަމުގަވިޔަސް، ކައުންސިލަށް ކަމަށްވިޔަސް، ރައީސް ކަމަށްވިޔަސް، އިލެކްޓެޑް މަގާމަކަށް ކުރިމަތިލަންޏާ އެމީހާއަކީ ތައުލީމީ ގޮތުން ތަޖުރިބާގެ ގޮތުން ވަރަށް ގާބިލު މީހަކަށްވާން." ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންތިހާބީ މަގާމުތަކަށް އަންނަ މީހުންގެ ކިބައިގައި ހުންނަންޖެހޭ ތައުލީމީ ފެންވަރު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށާއި، ނަމަވެސް އެކަމުގައި އާންމުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ތައުލީމާއި ތަޖުރިބާ ހުރި މީހުންނަށް އިސްކަން ލިބޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން 10 އިންސައްތަ އަންހެނުންނަށް އަދި 10 އިންސައްތަ ޒުވާނުންނަށް ހާއްސަ ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސް ވަނީ ތަކުރާރު ކުރައްވާފަ އެވެ. މިފަދަ ބަދަލުތައް ގެންނާނީ ނިޒާމުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.