ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ރިކޯލް ވޯޓު" ގެ ބިލް މި ދައުރުގައި ހުށަހަޅަނީ

"ރިކޯލް ވޯޓު" ގެ ބިލް މި ދައުރުގައި ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ މަސައްކަތްތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނަމަ، އެ މީހުން މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ 'ރިކޯލް ވޯޓު' ނެގުމާ ބެހޭ ބިލް، މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގައި ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ދައުރުގެ ތެރޭގައި އެ މީހުން ވަކިކުރެވޭނެ އެއްވެސް ގޮތެއް މިހާރުގެ ނިޒާމުގެ ތެރޭގައި ނެތް ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާނީ ރައްޔިތުންނަށް އެ ފުރުސަތު އޮތުމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރިކޯލް ވޯޓާ ގުޅޭ ފަންނީ މަޝްވަރާތައް މިހާރު ކުރިއަށްދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެހެން ގައުމުތަކުގައި މިކަން ކާމިޔާބުކަމާއެކު ތަންފީޒު ކުރަމުންދާ ގޮތްތައް ބަލަމުންދާ ކަމަށެވެ. މިގޮތުން، ދާއިރާގެ ކިތައް އިންސައްތަ ރައްޔިތުންގެ ސޮޔާއެކުތޯ މައްސަލަ ހުށަހެޅޭނީ، އަދި މަޖިލީހުގެ ކިހާވަރެއްގެ އަޣުލަބިއްޔަތެއް ލިބިގެންތޯ މެންބަރަކު ވަކިކުރެވޭނީ، މިފަދަ ކަންކަމާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

 "ދާއިރާގެ ކިތައް ޕަސެންޓް [މީހުންގެ] ސޮއި ލިބިގެންތޯ މައްސަލަ ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހަށް. އެ ހުށަހަޅާ ހިސާބުން މަޖިލީހުގެ ކިހާވަރެއްގެ އަޚުލަބިއްޔަތެއް ލިބިގެންތޯ ފާސްކުރެވޭނީ، އެމީހަކު ވަކިކުރަން. އެ ފާސްކުރުމަށް މަޖިލީހަށް އެ ދުވަހަކު ހާޒިރުވާންޖެހެނީ ކިތައް ޕަސެންޓްތޯ، މުޅި މަޖިލީހުގެ އަޣުލަބިއްޔަތުތޯ. މިހިރީ މަޝްވަރާގެ ތެރޭގައި ދާންޖެހޭނެ ކަންކަން މިސާލަކަށް." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، މެންބަރަކު ނުވަތަ ކައުންސިލަރަކު ވަކިކުރުމަށް ހުށަހެޅޭނެ ސަބަބުތައް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ގާނޫނީ ޒިންމާ އަދާނުކުރެވޭ ހާލަތްތަކަކީ ކޮބައިކަން ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިކޯލް ވޯޓް ނެގޭގޮތަށް އޮތުމުން ރައްޔިތުންގެ މަޖިލީހާއި، ކައުންސިލްތަކުގެ އިތުރުން ސަރުކާރު ވެސް ހިނގާނީ ވަރަށް ހަރުދަނާކަމާ އެކުގަ އެވެ. އަދި އޭރުން ހުރިހާ މުއައްސަސާތަކެއް ވެސް ކުރިއަށްދާނީ ހަމަހަމަކަމާއެކު ޖަވާބުދާރީ ކުރުވޭ އުސޫލަކުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.