އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހީމް ޔާސިރު އަޙްމަދު ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު ޢަދީލް ނަސީރު ހަމަޖައްސައިފިއެވެ.
ޔާސިރު ވަކިކޮށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯކަމަށް ޢަދީލް އައްޔަންކުރިކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޔާސިރު ވަކިކޮށް، ޢަދީލް އައްޔަންކުރި ތާރީޚުގެ ތަފުސީލެއް ނުލިބެއެވެ.
އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު އައްޔަނު ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެ އެވެ.
Ads by BMLމި މަގާމަށް އައްޔަނު ކުރި ޑރ. އަދީލް މިހާރު ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޢަދީލް ވަނީ މީގެ ކުރިން ޕްރިންސިޕަލްކަން ކުރައްވައިފައެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވައިފައެވެ.
ޑރ. އަދީލް ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާފަ އެވެ. 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ވެސް ޑރ. އަދީލް ހަމަޖެއްސި އެވެ.
މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ އަދީލް ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާފަ އެވެ. ނަމަވެސް ވަކި ހިސާބަކުން އަދީލް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
Ads by MACL
