ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް 82 ރަށަކަށް އިކުއިޕްމެންޓު ފޯރުކޮށްދީފި

ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް 82 ރަށަކަށް އިކުއިޕްމެންޓު ފޯރުކޮށްދީފި
ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމަކީ ވަށާޖެހޭ ނިޒާމެއްކަމަށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 82 ރަށަކަށް ކުނި މެނޭޖުކުރަން ބޭނުންވާ އިކުއިޕްމެންޓު ފޯރުކޮށްދީފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުނި އުފެދޭ ހިސާބުން ފެށިގެން އެ ނައްތައިލުމާ ހަމައަށް އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުން ކަމަށެވެ. މިގޮތުން ފޯރުކޮށްދެވުނު ސާމާނުތަކުގެ ތެރޭގައި ބެއިލާއާއި، ބޮޓްލް ކްރަޝާއާއި، ކުނި އުފުލައި ގެންގުޅެން ބޭނުންވާ އެކި ބާވަތުގެ ވަސީލަތްތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މަގޭ ސާފު ރާއްޖެ" ޕްރޮގުރާމާއި އިންވެސްޓުމެންޓުތައް


ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "މަގޭ ސާފު ރާއްޖެ" ޕްރޮގުރާމުގެ ދަށުން، މީހުން ބިނާކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ކުނި އުފެދޭ ހިސާބުން އެ ފައިނަލް ޑިސްޕޯޒަލްއާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަޅުގަނޑުމެން މިގެންދަނީ. މިހުރިހާ މަރުހަލާއަކަށް ބޭނުންވާ އިންވެސްޓުމެންޓު ހޯދަމުންމިދަނީ،" ތޯރިގު ވިދާޅުވިއެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، 20 ރަށެއްގައި ކުނި މެނޭޖުކުރާ ނިޒާމު ގާއިމުކޮށް ކައުންސިލުތަކާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން 58 ރަށެއްގައި މިފަދަ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ކުރިން ގާއިމުކޮށްފައި ހުރި ނިޒާމުތައް އަދާހަމަކުރުމުގެ މަސައްކަތް 88 ރަށެއްގައި ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.

ކައުންސިލުތަކުގެ އެއްބާރުލުމަށް އެދިވަޑައިގަތުން


ރަށްރަށުގައި މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ބައެއް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބައެއް ރަށްރަށުގެ ކައުންސިލުތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ބޭނުންވާ މިފަދަ މުހިއްމު ޚިދުމަތްތައް ގާއިމުކުރުމުގައި ހުރިހާ ކައުންސިލުތަކަކުންވެސް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، ކާދު ހެދުމަށް ބޭނުންކުރާ މެޝިންތައްވެސް މިހާތަނަށް ހަ ރަށަކަށް ފޯރުކޮށްދީފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.