ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔޫއޭއީން އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް މަކަރުވެރި، ނުބައި ރޭވުން ތަކެއް ދަނީ ރާވަމުން: އީރާން

ޔޫއޭއީން އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް މަކަރުވެރި، ނުބައި ރޭވުން ތަކެއް ދަނީ ރާވަމުން: އީރާން

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އެމެރިކާއާ ގުޅިގެން މަކަރުވެރި ރޭވުންތަކެއް ރާވަމުންދާ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ތުހުމަތުކޮށްފިއެވެ. އީރާނުން ބުނާ ގޮތުގައި ޔޫއޭއީން ދަނީ އީރާނުގެ އިހްތިސާސްގެ ތެރޭގައިވާ ޖަޒީރާއެއް ހިފުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެމެރިކާއަށް ޖާސޫސީ މައުލޫމާތާއި ބިމުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހޮރުމުޒް ކަނޑުއޮޅީގެ އަނެއް ފަރާތުގައި އޮންނަ ޔޫއޭއީ އަކީ ކަނޑުގެ ބޯޑަރުން އީރާނާ އެންމެ ކައިރީގައި އޮންނަ ގައުމެވެ. އީރާނުން ބުނާ ގޮތުގައި ޔޫއޭއީން އަބަދުވެސް އެ ކަނޑުއޮޅިއަށް ދައުވާ ކުރަމުން އަންނަ ކަމަށާއި، އެމެރިކާއިން މިހާރު މަސައްކަތް ކުރަނީ އެ ކަނޑުއޮޅީގެ ބާރު ޔޫއޭއީއަށް ހޯދައިދީ، އެ ސަރަހައްދުގައި އެމެރިކާގެ ނުފޫޒު ގަދަކުރުމަށެވެ.

މި މައްސަލައިގައި އީރާނުން ވަނީ ޔޫއޭއީއަށް އެންމެ ފަހުގެ އިންޒާރު ދީފައެވެ. އީރާނުން ބުނެފައިވަނީ ޔޫއޭއީގެ ބިމުން ފުރައިގެން އައިސް އީރާނުގެ ބިމުގެ ކައިވަތަކަށް ނަމަވެސް ހަމަލާއެއް ދީފި ނަމަ، ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒުތަކާއި އިންޑަސްޓްރިއަލް ހުރިހާ ކާރުހާނާތަކެއް ގޮއްވާލާނެ ކަމަށެވެ.

މީގެ އިތުރުން، ޔޫއޭއީގެ ވިޔަފާރީގެ ހުރިހާ ސިޓީތަކަކަށް ވަގުތުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. އީރާނުން ތުހުމަތު ކުރާ ގޮތުގައި ޔޫއޭއީއަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާއަށް ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެންމެ ބޮޑަށް އެހީތެރިވާ އެއް ގައުމެވެ.

މި ހާލަތާ ގުޅިގެން އީރާނުން މިހާރު ވަނީ ޔޫއޭއީއަށް ހާއްސަ ސަމާލުކަމެއް ދީ، އެ ގައުމުގެ ބިންތަކުގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަން ފަށާފައެވެ. މިއީ ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.