ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓެކްސީ ނުލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް؛ ބުރާސްފަތި ދުވަހު "މާލެ ޓެކްސީ"ގެ ޚިދުމަތް ފަށަން ނިންމައިފި

އެމްޓީސީސީގެ މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ގެނައި ކާރުތައް މާލޭ ޕޯޓުގައި.-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ގެނައި ކާރުތައް މާލޭ ޕޯޓުގައި.-- ފޮޓޯ: އެމްޓީސީސީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ ސަބަބުން ކުރު ދަތުރުތައް ނަގަން ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ފަށާ "މާލެ ޓެކްސީ" ގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ. މި ހިދުމަތާއެކު މާލެތެރޭގައި އެއްތަނުން އަނެއްތަނަށް ދިއުމަށް އާންމުން އުފުލަމުންދާ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ހިދުމަތަށް ހާއްސަކޮށްގެން ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް (އީވީ) ކާރު ގެނައުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ބައެއް ކާރުތައް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ފާރިޝް ވިދާޅުވީ، މި ޓެކްސީ ލައިންގައި ތިން މޮޑެލްއެއްގެ ކާރުތައް ހިމެނޭނެ ކަމަށާއި، އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ މޮޑެލްތައް ހިމެނޭ ކަމަށެވެ.

މާލެތެރޭގެ ދަތުރުތަކަށް 'ލުމިން' މޮޑެލް


މާލޭގެ އެތެރޭގެ ދަތުރުތަކަށް ހާއްސަކޮށްގެން 70 "ލުމިން" މޮޑެލްގެ ކާރު ބޭނުންކުރާނެއެވެ. މި ކާރުތަކަކީ 3.27 މީޓަރުގެ ދިގުމިން އަދި 1.70 މީޓަރުގެ ފުޅާމިން ހުންނަ، ހަނި ގޯޅިތަކަށް ވަދެ ނިކުމެ ހެދުމަށް ފަސޭހަ ކުދި ކާރުތަކެކެވެ. ޑްރައިވަރުގެ އިތުރުން ތިން ފަސިންޖަރުންނަށް ދަތުރުކުރެވޭ މި ކާރުތަކަކީ ކޮމްޕެކްޓް ސިޓީތަކަށް ހާއްސަ މޮޑެލްއެކެވެ.

ބްރިޖް ދަތުރުތަކަށް 'ޑީޕަލް' މޮޑެލްގެ ކާރުތައް


މާލެ، ހުޅުމާލެ އަދި އެއާޕޯޓާ ދެމެދު ކުރާ ދިގު ދަތުރުތަކަށް ހާއްސަކޮށްގެން "ޑީޕަލް އެސްފައިވް" އަދި "ޑީޕަލް އެސްސެވަން" މޮޑެލްގެ ކާރުތައް ބޭނުންކުރާނެއެވެ. މީގެ ތެރެއިން އެސްފައިވްގެ 60 ކާރު އަދި އެސްސެވަންގެ 20 ކާރު ހިމެނެއެވެ. މި ކާރުތަކަކީ ޖާގަ ތަނަވަސް، ގިނަ ލަގެޖު އެރުވޭނެ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.
"އީވީ ވެހިކަލްއެއް ވީމާ ވާގޮތަކީ، ހާއްސަކޮށް އެސްފައިވް އާއި އެސްސެވަންގެ ކުރީގައި، ބޮނެޓް ހުޅުވާލާއިރު ވެެސް، ނޯމަލް ވެހިކަލްތަކުގައި ހުންނާނީ އިންޖީނު. އެކަމަކު، އީވީ ވެހިކަލްތަކުގައި އެބައި ހުސްކޮށް ހުންނާތީ އެތަނަށް ލަގެޖު އެރުވޭނެ،" ފާރިޝް ވިދާޅުވިއެވެ.

މި އައު ހިދުމަތާއެކު ޑްރައިވަރުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.