ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އާންމުން ކޮށްފައިވާ ހަރަދު އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ފްލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000 ރުފިޔާގެ ޑިސްކައުންޓުގެ ތެރެއިން ނުދެވި އޮތް އަދަދު، ކުރިއަށް އޮތް ބުދަ ދުވަހުން ފެށިގެން ކުލިން އުނިކުރަން ފަށާނެއެވެ. މި ބަދަލާއެކު، ޑިސްކައުންޓަށްވާ ފައިސާ ހަމަވަންދެން މަހަކު 5،300 ރުފިޔާގެ މަގުން ކުލި ދައްކާކަށް ނުޖެހޭނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ލުޔާއެކު ހިޔާ ފްލެޓުތަކަށް ދެން ކުލި ދައްކަން ޖެހޭނީ 1 މެއި 2028 އިން ފެށިގެންނެވެ. ނަމަވެސް، ކުލި ނުދައްކާ މުއްދަތުގައި ވެސް ކޮންމެ މަހަކު ދައްކަންޖެހޭ މެނޭޖްމަންޓް ފީ ދައްކަން ޖެހޭނެއެވެ. ޑިސްކައުންޓުގެ މުއްދަތު ހަމަވުމުން، ފްލެޓުގެ އަގު އެއްކޮށް ދައްކާ ހަލާސްކުރެވެންދެން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5،300 ރުފިޔާއެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 3،984 ރުފިޔާއެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ޖުމްލަ މަހަކު ދައްކަން ޖެހެނީ 4،984 ރުފިޔާއެވެ. އެޗްޑީސީން މިހާރު އަންނަނީ މި ގެނައި ބަދަލާ ގުޅިގެން އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ކޯޕަރޭޝަނުން ބުނީ "މި ގެނެވޭ ބަދަލާ ގުޅިގެން ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ" ކަމަށެވެ. އަދި މާޗު މަސް ނިމުމުން، އެ މަހުގެ ނިޔަލަށްވާ ބެލެންސް އަދަދުގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ފްލެޓުގެ ވެރިންނަށް ފެންނާނެ ކަމަށް ވެސް އެޗްޑީސީން މައުލޫމާތު ދެއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފައެވެ. މިއީ ފްލެޓުތަކުގެ ވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ނިންމި ނިންމުމެކެވެ.